އިންޑަސްޓްރިއަލް ރިލޭޝަންސްއާބެހޭ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.
މިއަދު މަޖިލީހުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އިންޑަސްޓްރިއަލް ރިލޭޝަންސްއާބެހޭ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މަޖިލީހުގެ އިގުތިސާދީ ކޮމިޓީގައި ދިރާސާކުރައްވަމުން ގެންދަވާ ”އިންޑަސްޓްރިއަލް ރިލޭޝަންސްއާބެހޭ ބިލު“ އަށް އާންމުންގެ އެއްވެސް ޚިޔާލެއް އޮތްނަމަ 2 ނޮވެންބަރު ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އެކަން އަންގަވައި ދެއްވުމަށް މަޖިލީހުން ވަނީ އެދިފައެވެ.
އެގޮތުން، އެއްވެސް ޚިޔާލެއް އޮތްކަމަށްވާނަމަ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގެ މެއިލް އެޑްރެސް [email protected] އަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވައިދެއްވުމަށް މަޖިލީހުން ވަނީ އެދިފައެވެ.
މިއީ މިއަހަރު މާރޗް 20 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލެކެވެ. މި ބިލު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން މެންބަރު އިބްރާހިމް ޝަރީފެވެ.
މި ބިލަކީ ވަޒިފާގެ މާހައުލަށް އިންގިލާބީ ބަދަލެއް ގެނެސް މަސައްކަތްތެރިންނާއި، ވަޒީފާދޭ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަށް އެޅޭ އެންމެ މުހިންމު ބިންގާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
މި ބިލު ފާސްނުވެ މަޖިލީހުގައި ގިނަ ދުވަސްތަކެއް ވަތީ އެކަމުގެ ކަންބޮޑުވުން ބައެއް މެންބަރުން އަންނަނީ ފާޅުކުރަމުންނެވެ.
އިންޑަސްޓްރިއަލް ރިލޭޝަންސް ބިލަކީ ވަޒީފާ އަދާކުރާ މީހުންނަށް ގާނޫނު އަސާސީން ކަށަވަރުކޮށްދޭ މުހިންމު ހައްގުތައް ކަށަވަރުކޮށްދޭނެ ގާނޫނީ އޮނިގަނޑު އެކުލަވާލަން ފަހިކޮށްދޭ ބިލެކެވެ.
މިފަދަ ބިލެއް ހުށަހެޅުމުގެ މައިގަނޑު މަޤަސަދަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދިފައިވާ ހަޅުތާލުކުރުމުގެ ހައްގާއި، ހިޔާލުފާޅުކުރުމުގެ ހައްގާއި ޖަމާއަތްތައް (ޓްރޭޑް ޔޫނިއަންތައް) ހެދުމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމުގެ އިތުރުން މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުގެ މެދުގައި ކަލެކްޓިވް ބާގެއިނިން އެއްބަސްވުންތަކަށް ވާސިލުވުމުގެ މެކޭނިޒަމް ގާއިމްކުރުމެވެ. އަދި ވަޒިފާގެ މާހައުލުގައި އުފެދޭ މައްސަލަތައް ހައްލުކުރުމުގައި ތަރައްގީވެފައިވާ މުޖުތަމައުތަކުގައި އަމަލުކުރަމުންދާ ގާނޫނީ އުސޫލުތަކާއި އެއްހަމައެއްގައި އިޖުރާއަތުތައް ކަނޑައެޅުމަކީ މި ބިލުގެ މަގްސަދެކެވެ.









