އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު، ރައީސް ކަމުގެ ހުވާ ކުރައްވާ ރަސްމިއްޔާތަށް ހުރަސް ނޭޅޭނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވީ އިންތިހާޞީ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ހުރަސް އަޅަން މަސައްކަތްތައް ކުރެވެމުންދާ ކަމުގެ ވާހަކަތައް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.
ސަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިންތިހާބީ ރައީސް ހުވާކުރުމުގެ ރަސްމިއްޔާތަށް ހުރަސް އަޅާން އެމްޑީޕީ ޕީޖީ ގުރޫޕުން ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް އެކަން ނުވާނެ ކަމަށެވެ.
އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރަން ތްރީ ލައިންގެ ވިޕެއް ނެރެފައެވެ. އަދި ރައީސް ނަޝީދު ވަކި ކުރަން އަންނަ އާދިއްތަ ދުވަހަށް އެޖެންޑާ ކުރަން ވެސް މަޖިލީހުގެ އިދާރާއިން ވަނީ ނިންމާފައެވެ.
އައްޑޫ މީދޫ ދާއިރާގެ މެމްބަރު، ރޮޒެއިނާ އާދަމް ވިދާޅުވީ، އެވޯޓު ނުނަގައި މަޖިލީހުގެ އެއްވެސް ކަމެއް ކުރިއަށް ގެންދިއުމަށް އެބޭފުޅުންގެ އެއްބާރުލުމެއް ނުލިބޭނެ ކަމަށާއި އެ ވޯޓު ނުނަގައި ކުރިއަށް ގެންދާ ކަންތައްތަކަކީ ވެސް ގަވާއިދާ ހިލާފަށް ކުރިއަށް ގެންދާ ކަންތައްތަކެއްގެ ގޮތުގައި އެބޭފުޅުން ދެކޭނެ ކަމަށެވެ.
ރޮޒައިނާ ވިދާޅުވި ގޮތުގައި ވޯޓެއް ނުނަގައި ކުރިއަށް ގެންދާ ކަންތައްތަކަކީ ގަވާއިދާ ހިލާފަށް ކުރިއަށް ގެންދާ ކަންތައްތަކެކެވެ. އޭގެ ތެރޭގައި އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ހުވާ ކުރުން ވެސް ހިމެނެއެވެ.
ރޮޒެއިނާ ވިދާޅުވީ، މުއިއްޒުގެ ހުވާ ކުރެއްވުން ކުރިއަށް ގެންދަންވާނީ މަޖިލީހުގެ އިތުބާރު ހުރި ރައީސަކާއި އެކީގައި ކަމަށާއި އިތުބާރު ގެއްލިފައި ހުރި ރައީސަކު އެކަން ކުރުމަށް ޖާގައެއް ނުދެވޭނެ ކަމަށެވެ.
ގާނޫނުއަސާސީގެ 114 ވަނަ މާއްދާގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވާ މީހަކު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމަށް ކަނޑައަޅާފައިވާ މީހަކު މަގާމާ ހަވާލުވުމުގެ ކުރިން މަގާމުގެ ހުވާކުރަން އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައެވެ.
ޑިމޮކްރެޓްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުންގެ ވަރަށް ތަނަވަސް އަގުލަބިއްޔަތަކުން އިންތިހާބުވެ ވަޑައިގެންނެވި ޑރ. މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފުގެ ހުވާކުރެއްވުމުގެ ދަރުވާރަށް ހުރަސްއެޅުމަށް ރިޔާސީ އިންތިހާބުން ނާކާމިޔާބުވެ ވަޑައިގެންނެވި ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މަސައްކަތް ކުރައްވަމުން ގެންދާ ކަމަށެވެ.









