ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅި މެޖިސްޓްރޭޓްގެ އެފަދަ އެހެން މައްސަލައެއް ފެންމަތިވެއްޖެއެވެ.
ވަރިވާން ދިޔަ އަންހެންމީހާއަށް ގުޅި މައްސަލައިގައި ހދ.ކުޅުދުއްފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް މަޤާމުން ވަކިނުކޮށް އުޅެނިކޮށް އޭނަގެ އެފަދަ އިތުރު އަމަލެއް މިވަނީ ފަޅާއަރާފައެވެ. އެފަދަ އެހެން މައްސަލައެއްގައި އޭނާ ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން އިން އަނެއްކާވެސް މަޖިލީހަށް ފޮނުވައިފިއެވެ.
އަލީ އާދަމް މަގާމުން ވަކިކުރަން ޖޭއެސްސީން ކުރިން މަޖިލީހަށް ފޮނުވި ނަމަވެސް އެކަމާ މެދު މަޖިލީހުން ގޮތެއް ނުނިންމައެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޅުދުއްފުށީ ކޯޓަށް ވަރިވާން ދިޔަ އެހެން އަންހެނަކަށްވެސް މެޖިސްޓްރޭޓް އަލީ އާދަމް ގުޅައި، މެސެޖްކުރި ކަން އެ ކޮމިޝަންގެ ތަހުގީގަށް ސާބިތުވެފައިވާތީ އޭނާ ވަކިކުރަން މަޖިލީހަށް ފޮނުވަން އަނެއްކާވެސް ނިންމާފައިވާ ކަމަށެވެ.
އަދި ކުރީގެ މައްސަލައިގައިވެސް މަޖިލީހުން ވަކިގޮތެއް ކަނޑައެޅުމުގައި ލަސްތަކެއް ވަމުންދާތީ ޖޭއެސްސީން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކުރީގެ މައްސަލާގައި މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ނިންމާފައި އޮތީ އެ މެޖިސްޓްރޭޓް ވަކިކުރުމުގެ ކުރިން މަޖިލީހުގައި ޖަވާބުދާރީވުމުގެ ފުރުސަތު ދިނުމަށެވެ.
ޖޭއެސްސީގެ ބަޔާނެއްގައި ބުނެފައިވަނީ އިސް މެޖިސްޓްރޭޓް އަލީ އާދަމް، ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ވަރިވުމަށް ހުށަހެޅި ފަރާތަކަށް ގުޅައި މެސެޖުކޮށް، ޝަރީއަތުގެ ބޭރުން އެކި ވާހަކަތައް ދައްކައި ހެދިކަން، ލިބިފައިވާ ހެކިތަކުންނާއި އިސްމެޖިސްޓްރޭޓް އަލީ އާދަމްގެ ޢިއުތިރާފުން ސާބިތުވާކަމާއި، އަދި އިސްމެޖިސްޓްރޭޓް އަލީ އާދަމް ކޮށްފައިވާ މެސެޖުތައް ހުރި ގޮތަށް ބަލާއިރު، އިސްމެޖިސްޓްރޭޓް ޢަލީ އާދަމް މަސައްކަތްކޮށްފައި ވަނީ ނުނިޔަތެއްގައި ނުބައި މަގްސަދެއް އޮވެގެންކަން ވެސް ވަނީ ސާބިތުވެފައި ކަމަށެވެ.









