ބޭސް ފިހާރަތަކުން އާސަންދައިގެ ދަށުން ބޭސް ދޫކުރާއިރު ޑިސްޕެންސިވް ކޯޑޫ ދިނުމުން ނޫނީ ބޭސް ދޫނުކުރާ ގޮތަށް ހަމަޖައްސައިފިއެވެ.
އާސަންދަ ކުންފުނީގެ މީޑީޔާ އޮފިޝަ؛ް އާޝިޔާ ސާލިހު ވިދާޅުވީ އާސަންދައިގެ ދަށުން ބޭސް ފިހާރަތަކުން ދޫކުރާ ބޭސް ގަންނައިރު، މީގެ ފަހުން ބޭސް ގަންނަ މީހާގެ ފޯނަށް ފޮނުވާ ޑިސްޕެންސިން ކޯޑު ދިނުމުން ނޫނީ އެ ޓްރާންސެކްޝަން ފުރިހަމަ ނުވާގޮތަށް ހަމަޖައްސައިފި ކަމަށެވެ.
މިގޮތަށް ހެދީ އާސަންދަ ބޭނުންކޮށްގެން ބޭސް ފިހާރަތަކުން މަކަރު ހަދާތީ ކަމަށް އާޝިޔާ ވަނީ ވިދާޅުވެފައެވެ. އެގޮތުން އާންމުންގެ ޝަކުވާއަކާއި ގުޅިގެން ކުންފުނިން ބަލާލިއިރު މީހަކު ކްލިނިކްއަކަށް ދައްކާފައި އެ ކްލިނިކުގައި ހުންނަ ބޭސް ފިހާރައިން ބޭސް ނުނަގައި އެހެން ތަނަކުން ބޭސް ނަގަން ދާއިރު، ކްލިނިކުގެ ބޭސް ފިހާރާއިން ބޭސް ނަގާފައި ހުރިކަމަށް ދައްކާފައިވާ ކަމަށް އާސަންދައިން ބުނެއެވެ.
”ބޭސް ނަގަން ދާ މީހާގެ ފޯނަށް ލިބޭ ކޯޑު، ފާމަސިސްޓަށް ދިނުމުން ނޫނީ އާސަންދަ ޓްރާންސެކްޝަން ދެން ފުރިހަމައެއް ނުވާނެ. އެފަދަ ޝަކުވާތައް ލިބެމުންދާތީ އެޅި ފިޔަވަޅެއް މިއީ“ އާޝިޔާ ވިދާޅުވިއެވެ.
އާޝިޔާ ވިދާޅުވީ މިހާރުވެސް މާލޭގެ ބައެއް ބޭސް ފިހާރަތަކުގައި މި ފިޔަވަޅު އަޅަން ފެށިތާ ދެތިން ހަފްތާ ވެއްޖެކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އާސަންދައިން ބޭސް ދޫކުރާ ހުރިހާ ބޭސް ފިހާރަތަކެއްގައި މިކަން ތަންފީޒުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.









