ރައްޔިތުންގެ މަޖިލިސްގައި ހަމަނުޖެހުން ހިންގައި ރައީސް ނަޝީދުގެ މައްސަލް ސްޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނިކޮށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާން ބުނުމުން މިއަދުގެ ޖަލްސާ ވަނީ ކެންސަލްކޮށްފައެވެ. އެކަމާއި ގުޅިގެން އެމްޑީޕީ މެންބަރުން ވަނީ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖްކޮށްފައެވެ.
އަދި ހަމައެއާއެކު ރައީސް ނަޝީދު ވަކިކުރުމުގެ މައްސަލަ މިހާރު ވަނީ އެމްޑީޕީގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހަޅާފައެވެ.
މަޖިލީހުގައި އެމްޑީޕީ މެންބަރުން ކުރި އިހުތިޖާޖުގެ ތެރެއިން މަޖިލީހުގެ ރިޔާސަތު މޭޒުގައި ހުރި ބައެއް ތަކެއްޗަށް ވަނީ ގެއްލުން ލިބިފައެވެ. އަދި މަޖިލީހުގެ އަމީންއާއްމުގެ ފޯނު ވެސް ވަނީ ތަޅައިގެން ގޮސްފައެވެ.
މީސްމީޑީޔާގައި ދައުރުވަމުން އަންނަ ވީޑިޔޯއިން ފެންނަގޮތުގައި ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް އަޑުގަދަކުރައްވަމުން ގޮސް އަތް އުއްކަވައި މޮނިޓަރަށް ގެއްލުންދީފައިވާއިރު މޮނިޓަރުގައި ހިފުމާއެކު އެ ތަނުގައި ހުރި ފެންތަށި ބަންޑުންވިއެވެ.
އަދިހަމައެއާއެކު މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވަނީ ރިޔާސަތަށް ހާއްސަ ގޮނޑިކޮޅުގައި އިށީނދެ ވަޑައިގެންފައެވެ.
މަޖިލީހުގެ ނައިބު ރައީސް ވަޑައިނުގަތަސް އެހެން ބޭފުޅަކު ރިޔާސަތުގައި ބައިންދައިގެން ނަމަވެސް މަޖިލިސް ކުރިޔަށް ގެންދަން ޖެހޭނެ ކަމަށާއި މަޖިލިސް ހުއްޓިގެން ނުވާނެ ކަމަށް އެމްޑީޕީ މެންބަރުން ދަނީ ވިދާޅުވަމުންނެވެ. އެގޮތުން މީގެ ކުރިންވެސް ރިޔާސަތުގައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު އިންނަވައިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދެވުނު ކަން އެޕާޓީން ވަނީ ފާހަގަކުރައްވާފައެވެ.









