ޑރ މުޙައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވައިފިއެވެ.
އެމަނިކުފާނު ދިވެހިރާއްޖޭގެ ރައީސްކަމުގެ މަގާމަށް އިންތިހާބުވެވަޑައިގެންފައިވަނީ މާލޭގެ މޭޔަރުކަމުގެ މަގާމުގައި ހުންނަވަނިިކޮށެވެ. އެމަނިކުފާނު ވަނީ މިއަދު މާލެ ސިޓީގެ މޭޔަރު ކަމުން އިސްތިއުފާ ދެއްވާފައެވެ.
ރައީސްކަމު ހުވާ މުއިއްޒު ކުރެއްވީ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައެވެ. ހުވާކުރެއްވުމަށް ފަހު 21 ބަޑީގެ ސަލާމެއް އެމްއެންޑީއެފް އިން ވަނީ އަރުވާފައެވެ. މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ދަށުން އިންތިހާބުކުރެވުނު 8 ވަނަ ރައީސުލްޖުމްހޫރިއްޔާއެވެ.
މީގެ އިތުރުން ހުސައިން މުހައްމަދު ލަތީފް ވަނީ ނާއިބު ރައީސް ކަމުގެ ހުވާކުރައްވާފައެވެ. ރައީސާއި ނައިބްރައީސަށް ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނު އެވެ.
ގާނޫނު އަސާސީގެ 114 ވަނަ މާއްދާގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިޚާބުވާ މީހަކު، އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަޤާމަށް ކަނޑައަޅައިފައިވާ މީހަކު، އެ މީހެއްގެ މަޤާމާ ޙަވާލުވުމުގެ ކުރީން، ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ނުވަތަ އުއްތަމަފަނޑިޔާރު އެކަމަށް ކަނޑައަޅާ ފަނޑިޔާރެއްގެ ކުރިމަތީގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި، މި ޤާނޫނުއަސާސީގެ ޖަދުވަލު 1 ގައިވާ އެ މީހެއްގެ މަޤާމުގެ ހުވައިކޮށް އެ ހުވައިގެ އިޤްރާރުގައި ސޮއިކުރާންވާނެއެވެ.









