އަންނަ އަހަރު ޖެނުއަރީ މަހު ގަތަރުގައި ބާއްވާ ”އޭސިއަންކަޕް 2023“ ފުޓްބޯޅަ މުބާރާތުން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނަށް ހަދިޔާކުރުމަށް ނިންމައިފިއެވެ.
މުބާރާތުން ލިބޭ ފައިސާ ފަލަސްތީނަށް ހަދިޔާކުރުމަށް މުބާރާތުގެ ލޯކަލް އޯގަނައިޒިން ކޮމިޓީން ނިންމާފައިވާއިރު، މި ފައިސާ ބޭނުން ކުރާނީ އިސްރާއީލުގެ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންގެ ގެދޮރު ހެދުމަށާއި ދިރިއުޅުމަށް ހަމަޖައްސަން ޖެހޭ އެހެނިހެން ޙަރަދުތައް ކުރުމަށް ކަމަށް އެފަރާތުން ބުނެއެވެ.
މުބާރާތުގެ އިންތިޒާމު ކޮމިޓީން ބުނީ އޭއެފްސީ އޭސިއަން ކަޕުން ލިބޭ ފައިސާ އަކީ މިވަގުތު ފަލަސްތީނުގައި ހާލުގަ ޖެހިފައިވާ ގިނަ ބަޔަކަށް އެމީހުންގެ ދިރިއުޅުން އަލުން އާރާސްތު ކުރުމަށް ބޮޑު އެހީއަކަށް ވާނޭ ކަމަށެވެ. ޚާއްސަކޮށް އިސްރާއީލުގެ ހަމަލާތަކުގައި ބޮޑަށް ހާލުގައި ޖެިފައިތިބި ފަރާތްކަށް މި އެހީ އަކީ މުހިންމު އެހީއެއްކަމުގައިވާނޭ ކަމަށް ވެސް އެ ފަރާތުން ވަނީ ބުނެފައެވެ.
މުބާރާތް އިންތިޒާމު ކުރާ ކޮމިޓީގެ ރައީސް ހަމާދު ބިން ޚަލީފާ އަލް ތާނީ ވިދާޅުވީ އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގައި ގިނަ ބަޔަކު ހާލުގައި ޖެހިފައިވާ ކަމަށާއި އަދިވެސް ދަނީ ގިނަ ބަޔަކު ހާލުގައި ޖެހެމުންކަމަށެވެ. އެހެން ކަމުން އޭސިއަން ފުޓްބޯޅަ ފެޑެރޭޝަނުން ރާވާ ހިންގާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުން ލިބޭ ފައިސާ އަކީ ފަލަސްތީނަށް މިވަގުތު ހާލުގައި ޖެހިފައިވާ ފަރާތްތްކަށް މާ ބޮޑު އެއްޗަކަށް ނުވި ނަމަވެސް ފުދޭ ވަރެއްގެ އެހީއަކަށް ވާނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެއް ބައްރަކުން 24 ގައުމު ވާދަކުރާ އޭއެފްސީ އޭސިއަން ކަޕް 2023، ފުޓްބޯޅަ މުބާރާތް އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. މި މުބާރާތް ކުރިޔަށް ދާނީ އެ އަހަރުގެ ޖެނުއަރީ މަހުގެ 12 އިން ފެށިގެން ފެބުރުއަރ މަހުގެ 10 ގެ ނިޔަލަށެވެ. މި މުބާރާތުގައި ފަލަސްތީނުގެ ގައުމީ ފުޓްބޯޅަ ޓީމުންވެސް ވާދަ ކުރެއެވެ. ފަލަސްތީން ލައްވާލާފައިވަނީ އިރާން، ހޮންގް ކޮންގް، ޔޫއޭއީ އާއި އެކު ގުރޫޕް ސީ ގައެވެ.









