ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިޔާގައު ހުރި އަލް އައުދާ ހޮސްޕިޓަލަށް ޔަހޫދީ ސިފައިން ދިން ބޮމުގެ ހަމަލާގައި އެތަނުގައި މަސައްކަތް ކުރާ ތިން ޑޮކްޓަރުން ޝަހީދުވެފައިވާ ކަމަށް މީޑިއޯ ރިޕޯޓުތައް ބުނެފިއެވެ.
އަލްއައުދާ ހޮސްޕިޓަލުގެ ޑިރެކްޓަރ އަލް ޖަޒީރާއަށް ވިދާޅުވީ އިސްރާއީލުގެ ހަމަލާތަކުގައި އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން އަންނަ ތިން ޑޮކްޓަރުން ޝަހީދުވެފައިވާ ކަމަށާއި އޭގެ އިތުރުން އަލް އައުދާ ހޮސްޕިޓަލުގައި މަސައްކަތް ކުރާ އެތަކެއް މެޑިކަލް ސްޓާފުންނެއް ޒަޚަމްވެފައިވާ ކަމަށެވެ.
އަލް އައުދާ ހޮސްޕިޓަލް އަމާޒުކޮށް އިސްރާއީލުން ދިން މި ހަމަލާތަކާއި ގުޅިގެން އެކަން ކުއްވެރިކުރަމުން ޣައްޒާގެ ރެޑްކްރެސެންޓުން ނެރުނު ބަޔާނުގައި ބުނީ މިއީ އިސްރާއީލުން ގަސްތުގައި އެ ހޮސްޕިޓަލަށް އަމާޒުކޮށްގެން ދިން ހަމަލާއެއް ކަމަށާއި މިއީ އަލް އައުދާ ހޮސްޕިޓަލާއި ދެކޮޅަށް ހިންގި ބޮޑު ޤަތުލުއާންމެއް ކަމަށެވެ. އަދި މި ހަމަލާ ހަރުކަށިއިބާރާތުން ކުއްވެރި ކުރާކަމަށްވެސް އެފަރާތުން ވަނީ ބުނެފައެވެ.
އިސްރާއީލުން ޣައްޒާގައި ހިންގަމުން ގެންދާ ޤަތުލުއާންމުތަކުގައި އެތަތް ހޮސްޕިޓަލަކަށް ބޮމުގެ ހަމަލާދީ އެތައް ބަޔަކު ވަނީ ޝަހީދުކޮށްލާފައެވެ.









