އަށްޑޫ ސިޓީއަށް ނިސްބަތްވާ އަންހެންކުއްޖަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުން ފައްޓަވައިފި އެވެ.
ފުލުހުން ވިދާޅުވީ ސ. ހިތަދޫ / ކަދުރުމާގެ، އާއިޝަތު ވިސާމާ (39އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމުގައެވެ.
ވިޝާމާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި ހިނގާ ނޮވެމްބަރު 19 ވަނަ ދުވަހު ކަމަށާއި ވިޝާމާ ގެއްލިގެން އޭނާގެ އާޢިލާއިން ރިޕޯޓުކުރި ދުވަހުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުން ކަމަށްވެސް ފުލުހުން ވިދާޅުވި އެވެ.
ފުލުހުން ވިދާޅުވީ ނޮވެމްބަރު 16 ވަނަ ދުވަހު ވިޝާމާ މާލެ ގޮސްފައިވާ ކަމަށާއި، އޭނާގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ ނޮވެމްބަރު 18 ވަނަ ދުވަހު ފޯނުންކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމުގައެވެ.
އާއިޝަތު ވިސާމާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791612 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ވެސް ފުލުހުން ވަނީ އެދިލައްވާފަ އެވެ.









