ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާނާ ބައްދަލުކުރައްވައިފިއެވެ.
ރައީސް ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި އެގަމުގެ ރައީސާއި ބައްދަލުކުރެއްވިކަން ތުރުކީގެ ރައީސްގެ އޮފީހުން ވަނީ ހާމަކޮށްފައެވެ. މިއީ ރައީސްކަމުގެ ހުވާކުރުމަށް ފަހު ޑރ، މުއިއްޒު ރާއްޖޭން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި ރައީސްގެ މި ދަތުރުފުޅުގައި ތުރުކީ ސަރުކާރުގެ ވެރިންނާއެކު މުހިއްމު ބައްދަލުވުންތަކެއް ކުރިއަށްގެންދަވަން ވަނީ ހަމަޖެހިފައިއެވެ.
މި ދަތުރުފުޅުގައި ތުރުކީއާއެކު ބާއްވާ މަޝްވަރާ ބައްދަލުވުންތަކުގައި ރާއްޖެއާއި ތުރުކީގެ މެދުގައި އިތުރަށް ގުޅުން ބަދަހިކޮށް އެއްބާރުލުން ދެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކުރެވިގެންދާނެ ކަމަށްވެސް މިނިސްޓަރު އިތުރަށް ވިދާޅުވިއެވެ.
ރައީސް ޑރ.މުއިއްޒުގެ މިދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަބަލުން ފަސްޓުލޭޑީ ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ތުރުކީވިލާތައް ކުރައްވާ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް ޑރ.މުއިއްޒު ދެން ވަޑައިގަތުމަށް ހަމެޖެހިފައިވަނީ މިމަހު 30 ގައި ފަށާ ކޮޕް-28 ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ދުބާއީ އަށެވެ.









