މާލެ ސިޓީގެ މޭޔަރ ކަމަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވަނީ މާލޭ ސިޓީ މޭޔަރު ކަމުގެ އިތުރުން 4 ބައި އިލެކްޝަންއެއްގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލާފައިލާފައެވެ.
އެއީ މާލެ ސިޓީ ކައުންސިލްގެ މެންބަރު (މާފަންނު ދެކުރު ދާއިރާ) އާއި މާލެ ސިޓީ ކައުންސިލްގެ މެންބަރު (މެދުހެންވޭރު ދާއިރާ) އާއި މާލެ ސިޓީ ކައުންސިލްގެ މެންބަރު (ހެންވޭރު ދެކުނު ދާއިރާ/ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި) އަދި ވ. ރަކީދޫ ކައުންސިލްގެ އަންހެން މެންބަރުކަމެވެ. މި ގޮނޑިތަކަށް ވާދަ ކުރުމަށް އެދި ކުރިމަތިލުމުގެ ފުރުސަތު 2023 ނޮވެންބަރު 28 ވާ އަންގާރަ ދުވަހުގެ 09:00 ން ފެށިގެން، 2023 ޑިސެންބަރު 13 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް ކަމަށް ހަބީބްގެ ޓުވީޓުގައި ވެއެވެ. އަދި މި ބައި އިލެކްޝަންތައް 2024 ޖެނުއަރީ 13 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ހަބީބުގެ ޓުވީޓުގައި ވަނީ ބުނެފައެވެ.
“ މާލެ ސިޓީ ކައުންސިލް މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މެންބަރު (މާފަންނު ދެކުރު ދާއިރާ)، މާލެ ސިޓީ ކައުންސިލްގެ މެންބަރު (މެދުހެންވޭރު ދާއިރާ) ، މާލެ ސިޓީ ކައުންސިލްގެ މެންބަރު (ހެންވޭރު ދެކުނު ދާއިރާ/ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑި) އަދި ވ. ރަކީދޫ ކައުންސިލްގެ އަންހެން މެންބަރުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުޞަތު، 2023 ނޮވެންބަރު 28 ވާ އަންގާރަ ދުވަހުގެ 09:00 ން ފެށިގެން، 2023 ޑިސެންބަރު 13 ވާ ބުދަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލައި، އެކަން އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށް އިޢުލާން ކޮށްފި. ބައި-އިލެކްޝަންތައް އޮންނާނީ 2024 ޖެނުއަރީ 13 ގައި.“ ހަބީބުގެ ޓްވީޓުގައި ވެއެވެ.
މީގެ އިތުރުން ހދ. މަކުނުދޫ، ހދ. ނޭކުރެންދޫ، ށ. ކަނޑިތީމު، ނ. މަނަދޫ، ނ. މާޅެންދޫ، ރ. މަޑުއްވަރީ، ބ. ފުޅަދޫ، ބ. ދަރަވަންދޫ، ބ. ފެހެންދޫ، ބ. ކެންދޫ، ކ. ގާފަރު، އއ. ތޮއްޑޫ، އދ. މަންދޫ، ވ. ތިނަދޫ، މ. ރަތްމަންދޫ، މ. މުލައް، އަދި ފ.ބިލެތްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ހިމެނޭހެން ޖުމުލަ 17 ރަށެއްގެ ބައި-އިލެކްޝަން 2024 ޖެނުއަރީ 13 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ހަބީބް ކުރެއްވި އިތުރު ޓުވީޓެއްގައި ވެއެވެ.
މާލޭ ސިޓީ މޭޔަރުކަމުގެ ގޮނޑި ހުސްވެފައިވަނީ އެ މަޤާމު ފުރުއްވަމުން ގެންދެވި ޑރ މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އައްޔަންވުމުންނެވެ.









