ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލުން ދެމުން ގެންދާ ހަމަލާތަކަށް އެންމެ ބޮޑު އެއްބާރުލުމެއް ދެނީ އެމެރިކާއިން ކަމަށާއި، ޣައްޒާއަށް އިސްރާއީލުން ދެމުން ގެންދާ ހަމަލާތައް ހުއްޓުވަން ރައީސް ޖޯ ބައިޑެން ބޭނުން ނުވާކަމަށް ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ ވިދާޅުވެއްޖެއެވެ.
ހަމާސް އާއި އިސްރާއީލުން މިހާރު ކުރަމުން ގެންދާ ހަނގުރާމައާއި ގުޅޭ ގޮތުން އަލް ޖަޒީރާއާއި ވާހަކަ ދައްކަވަމުން ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ ވިދާޅުވީ އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކަށް އެންމެ ބޮޑު އެއްބާރުލުމެއް ދެނީ އެމެރިކާއިން ކަމަށެވެ. އެގޮތުން އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދެމުން ގެންދަނީ އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ އިރުޝާދުގެ ދަށުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ ވިދާޅުވީ އިސްރާއީލުން ފަލަސްތީނާއި ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައަކީ ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ކުރާ ހަނގުރާމައެއް ކަމަށާއި އެކަން ވަރަށް ހަރުކަށިކޮށް ކުއްވެރިކުރާކަމަށެވެ. އަދި އެމެރިކާއިން އަޑީގައި އޮވެގެން ދޭ އަސްކަރީ އެހީތަކާއި އެކު އިސްރާއީލުން ފަލަސްތީނުގެ ރައްްޔިތުންނާއި ދެކޮޅަށް ހިންގަމުން ގެންދާ ޤަތުލުއާންމުތައް ވަގުތުން ހުއްޓާލުމަށް ގޮވާލާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހަމާސް އާއި އިސްރާއީލާއި ދެމެދު ކުރަމުން ގެންދާ ހަނގުރާމަ ދެފަރާތުގެ އެއްބަސްވުމާއި އެއްގޮތަށް ހަތަރު ދުވަހަށް މެދު ކަނޑާލި ނަމަވެސް އިސްރާއީލުން މިހާރު ވަނީ އަނެއްކާވެސް ޣައްޒާއަށް ވައިގެމަގުން ހަމަލާދޭން ފަށާފައެވެ. އެގޮތުން މިއަދު އެކަނިވެސް ފަލަސްތީނުގެ 54 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް އަލް ޖަޒީރާއިން ވަނީ ރިޕޯޓުކޮށްފައެވެ.









