ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ހިންގެވުން ވަގުތީގޮތުން މިނިސްޓަރ އޮފް ޑިފެންސް މުޙައްމަދު ޣައްސާން މައުމޫނާ ޙަވާލުކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ އެގްރި މިނިސްޓަރީ، ޑިފެންސް މިނިސްޓަރު ޣައްސާނާ ވަގުތީ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހަވާލު ކުރެއްވެވީ އެގްރި މިިނިސްޓަރު ޑރ. އައިޝަތު ރަމީލާ، ޗުއްޓީއެއްގައި މިދިއަ މަހުގެ 23 ވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައިވާތީ، އެ ކަމަނާގެ އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގަންނަވަންދެން ކަމަށެވެ.
މިނިސްޓަރ ރަމީލާ މިވަގުތު ހުންނެވީ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް ރާއްޖޭން ބޭރަށް ދުރުވެއެވެ. މިކަމާ ގުޅިގެން މީގެ ކުރިން މިނިސްޓަރ ރަމީލާ ވިދާޅުވީ އޭނާ ކެންސަރަށް ޑައިގްނޯސްވުމާ ގުޅިގެން ކީމޯ އާއި ރޭޑިއޭޝަން ތެރަޕީ ނެގުމަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ނިންމަވާފައިވާ ކަމަށެވެ.
ބަލި ޖެހިފައިވާކަން އެނގުނީ ކެންސަރުގެ އެޑްވާންސް ސްޓޭޖުގައި ހުއްޓާ ކަމަށް ވިދާޅުވިނަމަވެސް ޑައިގްނޯސް ވެފައިވަނީ ކޮން ބާވަތެއްގެ ކެންސަރަކަށް ކަމެއް ޑރ ރަމީލާ ވިދާޅުވެފައެއް ނުވެއެވެ.









