ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ހުރިހާ ޕެޓްރޯލް ޝެޑެއް ނަމާދު ވަގުތުތަކަށް ބަންދު ކުރުން ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ނަމާދު ވަގުތުތަކުގައި ޕެޓްރޯލް ޝެޑުތައް ބަންދުކުރަން ފަށައިފިއެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިން ރޭ ބުނީ އެފްއެސްއެމްގައި ކުރިންސުރެ އަމަލު ކުރަމުން އައި އުސޫލަކީ ނަމާދު ވަގުތަަށް ޝެޑްތައް ބަންދު ކޮށްފައި ބެހެއްޓުން ކަމަށްވި ނަމަވެސް މިދިއަ ފަސް އަހަރު ދުވަހުގެ ތެރޭގައި ހިދުމަތް ދިނުން ނަމާދު ވަގުތުތަކަށް މެދު ކަނޑައިލުން ހުއްޓާލާފައިވާ ކަމަށެވެ. އެހެން ނަމަވެސް އާ މެނޭޖްމެންޓުން، އާ މެނޭޖިން ޑިރެކްޓަރު، މިހާރު ނިންމަވާފައި ވަނީ މިއަދު ފެށިގެން ހުރިހާ ޝެޑެއްގެ ހިދުމަތް ވެސް ނަމާދު ވަގުތަށް 20 މިނެޓަށް މެދުކަނޑާލަން،ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާއެކު އެފްއެސްއެމަށް ވެސް ބަދަލުތައް ގެނެސްފައިވާއިރު އެ ކުންފުނީގެ އާ އެމްޑީއަކަށް ހަމަޖައްސަވާފައި ވަނީ އިސްމާއީލް ސުހައިލެވެ.
އެފްއެސްއެމްއަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. އެފްއެސްއެމް އުފައްދާފައި ވަނީ 2000 ވަނަ އަހަރުގެ ޑިސެމްބަރު 18، ވަނަ ދުވަހުއެވެ. ފަސޭހައިން ތެޔޮ ފޯރުކޮށްދިނުމަށްޓަކައި މާލެ ސަރަހައްދުގައި އެފްއެސްއެމްގެ ހަތަރު ޕެޓްރޯލް ޝެޑެއް ޤާއިމުކޮށްފައި ހުރެ އެވެ. އެއީ މާލޭގައި ތިން ޝެޑަކާއި ހުޅުމާލޭގައި ޝެޑެކެވެ.









