ސައުދީ އަރަބިއްޔާއިން ވެސް މިހާރު އެންމެ ބޮޑަށް ބޭނުންވަނީ ފަލަސްތީނުގެ ހަމާސް މުޖާހިދުން ނައްތާލަން ކަމަށް އެމެރިކާގެ އޮފިޝަލަކާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
އެމެރިކާގެ އިސް އޮފިޝަލަކާއި ހަވާލާދީ މެދުއިރުމަތީގެ ޚަބަރުފަތުރާ ބައެއް ވަސީލަތްތަކުން ބުނެފައިވަނީ އިސްރާއީލުން ވެސް ބޭނުންވާ ގޮތަށް ސައުދީން ވެސް ބޭނުންވަނީ ހަމާސް ފަލަސްތީނުގެ ބިމުން ނައްތާލަން ކަމަށެވެ. އަދި ސައުދީން މިގޮތަށް ބުނެފައިވަނީ އެމީޙުން އަމިއްލަ އަށް އެދިގެން ކަމަށާއި މިކަމުގައި އެމެރިކާއިން ވެސް އަދި އިސްރާއީލުން ވެސް ސައުދީއާއި އެކު މަޝްވަރާކޮށްފައި ނުވާކަމަށް ރިޕޯޓުކޮށްފައިވެއެވެ.
“ ސައުދީ އަރަބިއާއިން ވެސް ބޭނުންވަނީ ފަލަސްތީނުގެ ބިމުން ހަމާސްގެ ބާރު ކަނޑުވާލާ އެމީޙުން ނައްތާލަން. އެއީ ސައުދީން އަމިއްލައަށް ބުނި އެއްޗެއް. އަހަރެމެންގެ އެއްވެސް ބައިވެރިވުމެއް އޮވެގެންނޫން ސައުދީން މިހެން ބުނެފައިވަނީ.“ އެމެރިކާގެ އޮފިޝަލަލު ބުނެފައިވެއެވެ.
ސައުދީން ހަމާސް ނައްތާލަން ތާއީދުކުރާކަމަށް އެމެރިކާގެ އިސް އޮފިޝަލަކާއި ހަވާލާދީ މީޑިއާ ރިޕޯޓުތަކުން ބުނެފައިވާއިރު، ސައުދީން ދަނީ އިސްރާއީލަށް އަމާޒުކޮށް ޔަމަނުން ފޮނުވަމުން ގެންދާ ހަމަލާތައް ދިފާއުކޮށްދެމުންނެވެ. އެގޮތުން ވޭތުވެ ދިޔަތަނުގައި ޔަމަނުން އިސްރާއީލަށް އަމާޒުކޮށް އެތަކެއް ސަތޭކަ މިސައިލް ހަމަލާތަކަކާއި ޑްރޯން ހަމަލާތަކެއް ވަނީ ވައިދެ ސިފާއީ ނިޒާމު ބޭނުކޮށް ވައްޓާލާފައެވެ. ސައުދީން އިސްރާއީލުގެ ދިފާއީ އައްޑަނައެއްގެ ގޮތުގައި އޮތް އިރު، އެގައުމަށް މިކަމަށް އެންމެ ބާރުދޭ ގައުމަކީ އެމެރިކާއެވެ.
ފަލަސްތީނުގައި އިސްރާއީލާއި އެމެރިކާ ބައިވެރިވެގެން ހިންގަމުން ގެންދާ ގަތުލުއާންމުތަކުގައި ސައުދީގެ ފުރިހަމަ ބައިވެރިވުން އޮތްކަމަށް ދުނިޔޭގެ ގައުމުތަކުން ދަނީ ބުނަމުންނެވެ.









