އަންނަ އަހަރަށް ލަފާކުރާ 49.8 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފިއެވެ.
49.8 ބިލިއަން ރުފިޔާގެ މި ބަޖެޓް ފާސްކުރީ މިއަދި އޮތް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގެ ތަޅުމުގައި ތިއްބެވި 65 މެންބަރުންގެ ވޯޓާއެކުއެވެ.
މިއަދުގެ މަޖިލީހުގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ފުރަތަމަ ހުށަހެޅީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓަށް ކޮމިޓީ މަރުހަލާގައި އެކި ދާއިރާތަކުން 306 މިލިއަން ރުފިޔާ އިތުރުކޮށްފައިވެއެވެ. އެގޮތުން ބަޖެޓަށް އިތުރުކުރި ބައިތަކުގެ ތެރޭގައި ދައުލަތުގެ އައު އޮނިގަނޑާއި އެއްގޮތަށް އިތުރުވި މިނިސްޓްރީތަކަށް 20.5 މިލިއަން އިތުރުކޮށްފައިވެއެވެ.
މީގެއިތުރުން އޮފީސްތަކުގެ ޑޮމެސްޓިކް ބަޖެޓުގެ ރިކަރަންޓް ޚަރަދު އަދި ކެޕިޓަލު ޚަރަދަށް ފަންސާސް ހަތް މިލިއަން ދުއިސައްތަ ފަސްދޮޅަސް ދެހާސް ތިންސަތޭކަ ފަންސާސް ދެ ރުފިޔާ އިތުރުވެގެންދާނެއެވެ. އަދި ޕީއެސްއައިޕީގެ މަޝްރޫޢުތަކަށް ގެނެސްފައިވާ ބަދަލުތަކާއެކު 8.9 މިލިއަން ރުފިޔާއަށް ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ބަޖެޓް އިތުރުވެގެންދާނެއެވެ.
ރާއްޖެ-މޮރިޝަސް ކަނޑުގެ އިން ވަކިކުރުމުގެ މައްސަލާގައި ރާއްޖެއަށް ގެއްލުނު ކަނޑުގެ ބައި ހޯދުމަށް ކުރާ މަސައްކަތުގައި ގާނޫނީ މަސައްކަތްތައް ކުރުމަށް އެޓާނީ ޖެނެރަލްގެ އޮފީހުގެ ބަޖެޓަށް 10 މިލިއަން ރުފިޔާ އިތުރުކޮށްފައިވެއެވެ. އަދި ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއުއަށް ހާއްސަކުރި 400 މިލިއަން ރުފިޔާ ކޮމިޓީން ވަނީ އުނިކޮށްފައެވެ.
ފުށިދިއްގަރުފަޅު ހިއްކަން ފެށުމަކީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހަށް ރާވަވާފައިވާ ކަމެކެވެ. އެގޮތުން މާލެ ސަރަހައްދުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު މަޝްރޫއަކީ ފުށިދިއްގަރުފަޅު ހިއްކާ އެ ތަނުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ. ނަމަވެސް ކޮމިޓީން ވަނީ މި ފައިސާ ބަޖެޓުން އުނިކޮށް ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރުފަޅު ހިއްކާއި އެ ތަންތަނުގައި ފެނާއި ނަރުދަމާ އަދި މަގު ހެދުމާއި އަސާސީ ޚިދުމަތްތައް ގާއިމުކުރުމަށް ބަޖެޓަށް ފައިސާ އިތުރުކޮށްފައެވެ.









