ފަހަކަށް އައިސް މެންޗެސްޓަރ ޔުނައިޓެޑުން ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން އެޓީމުގެ ކޯޗު އެރިކް ޓެން ހާގް އަށް އަންނަނީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވަމުންނެވެ.
ޚާއްޞަކޮށް ކުލަބުގެ ސަޕޯޓަރުންގެ ފަރާތުންނެވެ. ޔުނައިޓެޑުގެ ސަޕޯޓަރުން ގޮވާލަމުން ދަނީ ޓެންް ހާގް މިހާރުން މިހާރަށް މަޤާމުން ދުރުކުރުމަށެވެ. ޓެން ހާގް އަކީ ކުލަބުގެ ކުރިމްގަށް ހުރި ބޮޑު ގޮންޖެހުމެއްކަމަށް ވެސް ސަޕޯޓަރުން ބުނެއެވެ.
ނިމިގެން ދިޔަ ސީޒަނާއި ޚިލާފަށް މި ސީޒަނުގައި ޓެން ހާގުގެ އިރުޝާދުގެ ދަށުން ޔުނައިޓެޑުން ނެރެމުން އަންނަ ނަތީޖާތަށް މާ ބޮޑަށް ވެސް ދަށެވެ. ނިމިގެންދިޔަ ސީޒަނުގައި ޔުނައިޓެޑާއި އެކު ޓެން ހާގަށް ހޯދިފައިވާ ކުރިއެރުންތަކަކީ އޭރު އެ ކުލަބުގައި ހުރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ސަބަބުން ހޯދިފައިވާ ކުރިއެރުންތަކެކެވެ. އޭރު ރޮނާލްޑޯއާއި އެކު ޔުަނއިޓެޑުން ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށްވެސް ދަތުރުކުރިއެވެ. އަދި ޔޫރޮޕާ ލީގުައިވެސް ބޮޑު ކުރިއެރުމެއް ލިބުނެވެ. ނަމަވެސް ޓެން ހާގާއި ރޮނާލްޑޯއާއި ދެމެދު އުފެދުނު މައްސަލަތަކެއްގެ ސަބަބުން ރޮނާލްޑޯ ޔުނައިޓެޑު ދޫކޮށް ސައުދީގެ އަލް ނަޝްރަށް ބަދަލުވިއެވެ. އޭރު ބައެއް ފަރާތްތަކުން ގަބޫލުކުރި ގޮތުގައި ޔުނައިޓެޑުގެ ހުރިހާވެސް މައްސަލައަކީ ރޮނާލްޑޯ އެވެ. ނަމަވެސް ރޮނާލްޑޯ އާއި ނުލާ ޓެން ހާގް ޔުނައިޓެޑާއި އެކު ދެވަނަ ސީޒަނެއް ފެށި ނަމަވެސް އެއްވެސް ކުރިއެރުމެއް މިހާތަނަށް އަދި ނުލިބެއެވެ. ޗެ،މްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގެ އެންމެ ފުލުގައި އޮވެގެން މުބާރާތާއި ވަކިވީއެވެ. ޔޫރޮޕާ ލީގަށްވެސް ލައްވާ ނުލިއެވެ. ލީގުގައި ވެސް އޮތީ ހަވަނާގައެވެ. މިއީ ރޮނާލްޑޯއާއި ނުލައި ޓެން ހާގް އަށް ޔުނައިޓެޑާއި އެކު ހޯދުނު ކުރިއެރުމެއް ބާވައޭ ގިނަ ފަރާތްތަކުން މިހާރު ސުވާލު އުފައްދައެވެ.
ޔުނައިޓެޑުން މި ސީޒަަނުގައި މިހާތަނަށް ދިޔައިރު، ޕްރިމިއާ ލީގުގައިވެސް މިހާތަނަށް ޔުނައިޓެޑުން ކުޅުނު 16 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ ނުވަ މެޗުންނެވެ. ހަތް މެޗުން ވަނީ ބަލިވެފައެވެ. ލީގު ކަޕްގައި ކުޅުނު ދެމެޗުގެ ތެރެއިން އެއް މެޗުން ވަނީ ބަލިވެފައެވެ. މިފަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ހަ މެޗު ކުޅުނު އިރު، މޮޅުވެވުނީ އެންމެ މެޗަކުންނެވެ. ހަތަރު މެޗުން ބަލިވިއިރު، އެއްމެޗުން ވަނީ އެއްވަރުވެފައެވެ. ގުރޫޕް ސްޓޭޖު ނިންމާލީ އެންމެ ފުލުގައި އޮވެގެންނެވެ. ނަތީޖާއަކަށް ވީ ޔޫރޮޕާ ލީގުގައިވެސް އަދި ޔޫރޮޕާ ކޮންފަރެންސް ލީގުގައިވެސް ލައްވާ ނުލުމެވެ.
ކޮންމެ އަކަސް ޓެން ހާގް ގެ އިރުޝާފުގެ ދަށުން ޔުނައިޓެޑް އޮޔާދާތަން ފެންނަމުން ދާއިރު، މިކަމަށް ހައްލެއް ގެނައުމަށް ޔުނައިޓެޑުގެ އިސްވެރިންގެ ފެންވަރުގައި އަންނަނީ މަޝްވަރާތައް ކުރެވެމުންނެވެ. އެ މަޝްވާރާތަކަކީ ޓެން ހާގް އިތުރަށް ޔުނައިޓެޑުގެ ކޯޗު ކަމުގައި ބެހެއްޓުމާއި މެދު ކުރެވޭ މަޝްވަރާތަކެވެ. އިންގިރޭސި މީޑިއާތަކުން ބުނާގޮތުން ޔުަނައިޓެޑުން މިހާރު ޓެން ހާގް ކުލަބުގައި ބަހައްޓައިގެން ހޯދޭނެ ކާމިޔާބެއް ނެތެވެ.
ރިޕޯޓުތައް ބުނާގޮތުން ޓެން ހާގަށް މިހާރު އޮތީ ހަމަ އެންމެ ފުރުސަތަކެވެ. އެ ފުރުސަތުން ނަގާލައިފި ނަމަ މަޤާމު ގެއްލުނީއެވެ. އެއީ އަންނަ އާދިއްތަ ދުވަހު ޕްރިމިއާ ލީގުގައި ލިވަޕޫލާއި ދެކޮޅަށް ޔުނައިޓެޑުން ކުޅެން އޮތް މެޗު ކާމިޔާބު ކުރުމެވެ. އިތުރު ޗޮއިސްއެއް ޓެން ހާގަށް ނެތަކަމަށް ވެއެވެ.
ޓެން ހާގްގެ ސަބަބުން ކުލަބަށް ވަނީ ގެއްލުންތޯ ނުވަތަ ފައިދާތޯ ބައެއް ތަޖުރިބާކާރުން ދަނީ ސުވާލު އުފައްދާފައެވެ. މި ސުވާލުގެ ޖަވާބުގައި އިނގެރޭސި ފުޓްބޯޅަ ދިރާސާކުރާ ބައެއްް ތަޖުރިބާކާރުން ބުނާ ގޮތުގައި ޓެން ހާގް އާއި އެކު ޔުނައިޓެޑަށް ކުރިމަގެއް ނެތެވެ. އެހެން ކަމުން ޓެން ހާގް އިތުރަށް ޔުަނއިޓެޑުގައި ދެމި ހުރެއްޖެ ނަމަ ކުލަބަށް ވާނީ ފައިދާއަށް ވުރެ ބޮޑަށް ގެއްލުމެވެ. ކުލަބަށް އެންމެ ފައިދާހުރި ގޮތަކީ ޓެން ހާގު ބޭރުކޮށް އެހެން ކޯޗަކު ކުލަބަށް ގެނައުމެވެ.
ބައެއް ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުން ޔުނައިޓެޑުގެ އިސްވެރިން މިހާރު ވަނީ ޓެން ހާގުގެ ބަދަލުގައި ކުލަބަށް ގެންނާނެ ތިން ކޯޗެއްގެ ނަން ލިސްޓުވެސް ކޮށްފައެވެ. އެއީ ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ޒައިނުއްދީން ޒިދާން، ބްރައިޓަންގެ ކޯޗުކަމުގައި މިވަތުގު ހުރި ރޮބާޓޯ ޑީ ޒާބީގެ އިތުރުން ސްޕެއިންގެ ގައުމީ ޓީމާއި ރެއާލް މެޑްރިޑަށް ވެސް ކުރިން ކޯޗުކޮށްދީ ޖޫލެން ލޮޕެޓަގޫ އެވެ. މި ތިން ކޯޗުންގެ ތެރެއިން ޔުނައިޓެޑުގެ ވެރިން އެންމެ ބޮޑަށް ގަޔާވަނީ ޒިދާން ކަމަށް ރިޕޯޓުތަކުގައިވެއެވެ. އެގޮތުން މިވަގުތު ޒިދާން އާއި އެކު މަޝްވަރާތައް ކުރުމަށްވެސް ތައްޔާރުވަމުން އަންނަކަމަށް ރިޕޯޓުތަކުން ބުނެއެވެ.









