މުޖުތަމައު ތަހުޒީބުވާނީ އެ މުޖުތަމައެއްގައި ހުރި އެންމެހާ ނޭއްގާނީ ކަންކަން މަނާކުރެވި ހެޔޮކަންތައްތަކަށް އަމުރުކުރެވިގެން ކަމަށާއި އެއީ އިސްލާމީ ވެރިކަމެއްގެ އެންމެ މުހިންމު ވާޖިބު ކަމަށް މިއަދުހެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
“ހެޔޮކަންތައް ތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުން” މި މައުޟޫއަށް ރާއްގެ މިސްކިތްތަކުގައި މިއަދު އިއްވި ޚުތުބާގައި ބުނީ މުޖުތަމައު ތަހުޒީބުވާނީ އެ މުޖުތަމައެއްގައި ހުރި އެންމެހާ ނޭއްގާނީ ކަންކަން މަނާކުރެވި ހެޔޮކަންތައްތަކަށް އަމުރުކުރެވިގެން ކަމަށާއި އެއީ އިސްލާމީ ވެރިކަމެއްގެ އެންމެ މުހިންމު ވާޖިބު ކަމަށެވެ.
ހުތުބާގައި ބުނެފައި ވަނީ އެބައެއްގެ އަގީދާ އާއި ސަޤާފަތާއި ލެޔާއި މުދަލާއި އަބުރަށް އަމާންކަމެއް ނެތް މުޖުތަމައުއަކީ އެއީ ތަހުޒީބު މުޖުތަމައު އެއް ނޫން ކަމަށެވެ. އެ މުޖުތަމައުއެއްގައި ހިނގާ މުންކަރާތްތައް މަނާ ނުކުރެވޭނަމަ އެ ބަޔަކު އެ ވަނީ އެ ބައެއްގެ އަމިއްލަ އަތްތަކުން ހަލާކުގެ ދޮރުތަށް ހުޅުވާފައި ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
ހުކުރު ހުތުބާގައި އިތުރަށް ބުނެފައި ވަނީ މާތް ﷲ އަށް އީމާންވުމާއި، ހެޔޮކަންތައްތަކަށް އަމުރުކުރުމާއި މުންކަރާތްތައް މަނާކުރުމާއި، އެއް ބަޔަކު އަނެއް ބަޔަކަށް ހެޔޮ ކަންތައްތަކުގައި އެހީތެރިވުމާއި، ނުބައި ކަންކަމުން މުޖުތަމައު ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް މަސައްކަތް ކުރުމަކީ އިސްލާމްދީނުގެ މައިގަނޑު އަސާސްތަކުގެ ތެރެއިން ހިމެނޭ ކަމެއް ކަމަށެވެ. އަދި މި އުންމަތުގެ މީހެއްކަމަށް ވުމަށް އެދޭ މީހާގެ ކިބައިގައި ހެޔޮކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް މަނާކުރުމުގެ ޝަރުތު ފުރިހަމަކުރުމަށް ހުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ..
ހެޔޮކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް މަނާކުރުމުގެ ޒިންމާއަކީ އިސްލާމީ އުންމަތުގެ ހުރިހާ ފަރުދުންގެ ބޮލުގައި މާތްﷲ އަޅުއްވާފައިވާ ޒިންމާއެއް ކަމަށާއި އެ ޒިންމާ އެ މީހެއްގެ ފެންވަރާއި ހައިސިއްޔަތު ހުރި މިންވަރަކުން ފުރިހަމަކުރަން ވާނެ ކަމަށް ވެސް ހުތުބާގައި ބަޔާންކޮށްފައިވެއެވެ. އަދި އެއީ ބިމުގައި ބާރުވެރިކަމާއި ނަސްރު ދެއްވުމުގެ ސަބަބެއް ކަމަށް ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ. އެހެންކަމަށްވުމާ އެކު އިސްލާމީ ވެރިކަމެއްގެ އެންމެ މުހިންމު ވާޖިބަކީ އިސްލާމްދީނުގައި އަންގަވާފައިވާ ކަންކަމަށް ބާރު އެޅުމާއި ދީނީ ކަންކަމާއި ބެހޭ ޢިލްމު އާއްމުކުރުމާއި އިސްލާމީ ޝިއާރުތައް ނެގެހެއްޓުމާއި މުޖުތަމައުގައި ހިނގާ ނޭއްގާނީ ކަންކަން މަނާކުރުން ކަމަށް ހުތުބާގައިވެއެވެ.
މީގެ އިތުރުން މުުޖުތަމައުގައި ހިނގާ ނޭންގާނީ ކަންކަން ހުޢްޓުވުމަށް ކުރާ ކޮންމެ މަސައްކަތަކީ ތިމާގެ މުދަލާއި އަނބިދަރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވޭ މަސައްކަތެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ..
މިކަމުގައި ކީރިތިމާތް ނަބިއްޔާ ވަނީ ވަރަށް ވަރަށް ރީތި މިސާލެއް ޖައްސަވާފައިކަމަށް މިއަދުގެ ހުތުބާގައި ބުނެފައިވެއެވެ. މާތް ނަބިއްޔާ ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ.
” މާތް ﷲ ކަނޑައަޅުއްވާފައިވާ އިމުގައި ޤާއިމުވެ ހުންނަ މީހާއާއި އެކަލާންގެ ކަނޑައޅުއްވާފައިވާ އިން ފަހަނައަޅައި ދާ މީހާގެ މިސާލަކީ ނަވެއްގައި ދަތަުރުކުރި ބައެއްގެ މިސާލެވެ. ޤުރުއަތުލައިގެން އެއްބަޔަކު ތިބެން ޖެހުނީ ނަވުގެ މަތީބައިގައެވެ. އަނެއްބަޔަކު ނަވުގެ ތިރީބައިގައެވެ. ތިރީބައިގައި ތިބި މީހުން ފެން ހޯދަން ޖެހިއްޖެ ނަމަ ދަނީ މަތީބައިގައި ތިބި މީހުންގެ ތެރެއިން ލާފައެވެ. މިގޮތުން ފެން ހޯދުން އުނދަގޫވާތީ އެމީހުން ބުންޏެވެ. އަހަރުމެން މި ތިބޭ ހިސާބުން ނަވުގެ އަޑިން ތަނެއް ފޫވައްޓާލަމާ ހިނގާށެވެ. އޭރުން މަތީބައި ތިބި މީހުންނަށް އުނދަގޫ ނުކޮށް އަހަރުމެންނަށް ފެން ލިބޭނެއެވެ. ފަހެ އެމީހުން ކުރަން އެ އުޅުނު ކަންތައް ކުރުމަށް އެމީހުން ދޫކޮށްލައިފިނަމަ ނަވުގައި ދަތުރުކުރާ އެންމެން ހަލާކުވެދާހުއްޓެވެ. އަދި އެމީހުންގެ އަތުގައި ހިފާ އެކަން ހުއްޓުވައިފިނަމަ، އެމީހުންނާއި، ނަވުގައި ދެންތިބި އެހެންމީހުންވެސް ސަލާމަތްވާހުއްޓެވެ.”









