Search Streamline Icon: https://streamlinehq.com

ފުރަތަމަ 3 އަހަރު ހިލޭ ޙައްޖަށް ފޮނުވާނީ އުމުރުން 50 އަހަރާއި 69 އަހަރާއި ދެމެދުގެ ފަގީރުން: އިސްލާމިކް މިިނިސްޓްރީ

GBjALnca8AAMZtZ

މި ސަރުކާރުގެ  ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ހިލޭ ފަގީރުން ހައްޖަށް ފޮނުވުމުގެ ވައުދުގެ ދަށުން ފުރަތަމަ ތިން އަހަރު ހައްޖަށް ފޮނުވާނީ 50 އަހަރާއި 69 އަހަރާއި ދެމެދުގެ ފަގީރުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މި ނިންމެވުމާއި ގުޅިގެން މިނިސްޓްރީން ވިދާޅުވީ، މި މަހުގެ ފަސްވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ހިލޭ ހައްޖު ޕްރޮގްރާމާއި ގުޅޭގޮތުން ނިންމާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި ފުރަތަމަ ސަރުކާރުން ހައްޖަށް ފޮނުވުމަށް ހަމަޖެހިފައިވަނީ ހައްޖުގެ އަޅުކަން އަދާކުރެވޭ ފަދަ ސިއްހީ ހާލަތެއްގައި ތިބި އުމުރުން 70 އަހަރުން ދަށުގެ ފަގީރުން ކަމުގައި ވިދާޅުވެފައެވެ.

އެގޮތުން ފުރަތަމަ ތިން އަހަރު ފޮނުވުމަށް ހަމަޖެހިފައިވަނީ 50 އަހަރާއި 69 އަހަރާ ދެމެދުގެ ފަގީރުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން އެ ސިޔާސަތުގެ ދަށުން ހައްޖަށް ގެންދާ މީހުންނަށް ދެވޭ ޕެކޭޖްގެ ތެރެއިން އެތެރޭގެ ދަތުރުފަތުރާއި މާލޭގައި މަޑުކުރަންޖެހޭ ދުވަސްތަކުގެ ހުރުމާއި ކެއުން ދޭނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެއެވެ.

މިނިސްޓްރީއިން ބުނެފައިވަނީ އެ ސިޔާސަތުގެ ދަށުން ހައްޖަށް ގެންދާ ފުރަތަމަ 50 މީހުން މި އަހަރު ހައްޖަށް ގެންދިއުމަށްޓަކައި ހިނގާނެ ހަރަދު ޒަކާތު ފަންޑުން ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ދައުލަތުގެ ބަޖެޓާއި އެކި ފަރާތްތަކުގެ ސްޕޮންސާޝިޕްގެ ދަށުން އެ ހަރަދު ހަމަޖެއްސުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ވުޒާރާއިން ބުނީ ހިލޭ ހައްޖަށް މީހުން ފޮނުވުމުގެ ސިޔާސަތުގެ ދަށުން މި އަހަރުން ފެށިގެން ހައްޖަށް މީހުންގެ އަދަދާއި ހައްޖަށް ގެންދިއުމާބެހޭ އުސޫލު މިނިސްޓްރީން ކަނޑައަޅައި އާންމުކޮށް އިއުލާނު ކުރާނެކަމަށެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *