ށ. ބިލެއްފަހި ކައުންސިލުން އެރަށުގެ ކުލަބުޖަމްޢިއްޔާތަކަށް ހުޅުވާލައިގެން ބޭއްވި “ ބިލެއްފަހި ކައުންސިލް ހޭންޑްބޯޅަ މުބާރާތް 2023 ގެ ޗެމްޕިއަންކަން އޯސަން އެސްސީން ހޯދައިފިއެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން އޯސަން އެސްސީން ހޯދީ ދި ޗެލެންޖާސް އާއި ދެކޮޅަށް ކުޅުނު ފައިނަލު މެޗު 18-14 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
އަންގާރަ ދުވަހު ދި ޗެލެންޖާސް އާއި ދެކޮޅަށް ކުޅެވުނު މި ފައިނަލް މެޗު ކާމިޔާބު ކޮށް އޯސަން އެސްސީން މުބާރާތުގެ ޗެމްޕިއަން ކަން ހޯދިއިރު، މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޯސަން އެސްސީގެ ޖާޒީ ނަމްބަރ 9 ރިޝްމާއެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދި ޗެލެންޖާސްގެ ޖާޒީ ނަމްބަރު 4 ރިޝްތާއެވެ.
މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިން (ޑްރީމް ޓީމް) އަށް ހޮވުނު ކުޅުންތެރިންނަކީ ރިޝްތާ، ޝީޒާ، ޝާއިނާ، ނީރާ، ޝިފާނާ، ރިޝްމާ އަދި ޝަހުމާއެވެ.
ށ. ބިލެއްފަހި ކައުނަސިލުން އިންތިޒާމުކޮށްގެން އެ ރަށުގައި ހަރަކާތްތެރިވާ ކުލަބްޖަމްޢިއްޔާތަކަށް އަމާޒުކޮށްގެން ބޭއްވި މި ހޭންޑްބޯޅަ މުބާރާތަކީ އެ ކަނުްސިލުން ރަށުފެންވަރުގައި ބޭއްވި ފުރަތަމަ މުބާރާތެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ކަނޑައެޅިފައިވާއިރު، ރަނަރަޕް ޓީމަށް ވަނީ 5000 ރުފިޔާގެ ފައިސާގެ އިނާމު ކަނޑައެޅިފައެވެ.









