މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑުކުރުމަކީ ޑިމޮކްރެޓްސް މަޖލިސް މެމްބަރުން ދެކޮޅު ކަމެއް ކަމަށް ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ އެއްލައްކަ ރުފިޔާއަށް ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާޒިމް ވިދާޅުވީ ގައުމު މިދަނީ ބަނގުރޫޓު ވުމާ ދިމާލަށް ކަމަށާއި، މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑުކުރުމާއި ޑިމޮކްރެޓްސްގެ މެމްބަރުން ދެކޮޅުކަމަށެވެ.
އާޒިމް ވިދާޅުވީ އެއީ އެ ޕާޓީގެ މަޖިލިސް މެމްބަރުން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށާއި މިފަދަ ދަނޑިވަޅެއްގައި މިފަދަ ކަންކަން ކޮށްގެން ނުވާނެ، އަދި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
މުސާރަތަކަށް ގެންނަ ބަދަލުތައް ހިމެނޭ ކަރުދާހުގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ވަޒީރުންގެ މަޖިލީހުގެ ބޭފުޅުންނާއި، ފަނޑިޔާރުންނާއި، މިނިވަން މުއައްސަސާތަކުގެ މުސާރަތަކާއި، މޭޔަރުންނާއި ކައުންސިލަރުންގެ މުސާރަތައް ބޮޑުކުރުމަށްވެސް ވަނީ ފާސްކޮށްފައެވެ.









