ދިވެހި ކޮންމެ ރައްޔިތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހަައްމަދު މުއިއްޒާއި ސުވާލުކުރެވޭ ގޮތަށް، އަދި އެ ރައްޔިތެއްގެ އުދާސްތަކާއި ޚިޔާލުތަކާއި އުންމީދުތައް ސީދާ އެމަނިކުފާނަށް ހުށަހެޅޭ ގޮތަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ޕޯޓަލެއް ގާއިމުކުރައްވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވީ ކަންގަތިކޮލި އެވޯޑް ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ދެ ފުށްފެންނަ ސަރުކާރެއް އޭގެ ޙަޤީޤީ މާނައިގައި ހާސިލް ކުރުމަށްޓަކައި ގާއިމްކުރާ މި ޕޯޓަލް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރިޔަށް ދާކަމަށެވެ.
އެމަނިކުފާނު މާލޭ މޭޔަރު ކަމުގައި ހުންނެވިއިރުވެސް ވަކިން ތާވަލު ހަދައިގެން މާލޭގެ ގޭގެއަށް ޒިޔާރަތްކުރެއްވި ކަމަށާއި ރައްޔިތުންގެ ހާލު ބައްލަވައި ރައްޔިތުން ހުށަހަޅާ އެ ރައްޔިތުންގެ މުހުތާދުތަކުގެ ވާހަކަ އަޑު އައްސަވައި ކޮށްދެވޭން ހުރި ކަންކަން ކޮށްދެއްވި ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ރައްޔިތުންގެ ކަންބޮޑުވުންތަކާއި ބޭނުންތަކާއި ޝަކުވާ ވަގުތުން ހުށަހެޅުމަށް ސިޓީ ކައުންސިލްގެ ވެބްސައިޓުގައި އެކަމަށް ޚާއްޞަ ޕޯޓަލްއެއް ގާއިމުކޮށް ތަނަވަސްކަމާއެކު ދޮރުހުޅުވާލެއްވި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ޕޯޓަލް މެދުވެރިކޮށް ވަރަށް ގިނަ ރައްޔިތުންނަށް އެހީތެރިކަން ފޯރުވައިދެވުނު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހި ރައްޔިތުން ބޭނުންވަނީ މި ގޮތް ކަމަށްވާތީ ރައީސް ޑރ.މުއިއްޒުގެ ސަރުކާރު ވެސް، ކުރިޔަށް ދާނީ މި އުސޫލުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.މީގެ އިތުރުންވެސް ހަފްތާ 14 ގެ ތެރޭގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް ޕަބްލިކް ފޯރަމްތަކެއް ބާއްވަން ފައްޓަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މިއީ ކޮންމެ ތިންމަހުން އެއް މަހު އޮންނާނެ ޕްރޮގްރާމެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އެގޮތުން ފުރަތަމަ ފޯރަމް ފެބްރުވަރީ މަހު އޮންނާނެ ކަމަށާއި އަދި ވަޒީރުންގެ މި ފަދަ ފޯރަމްތަކެއް ކޮންމެ ދެ މަހުން އެއް މަހު އޮންނާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިގޮތުން ވަޒީރުންގެ ފުރަތަމަ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖަނަވަރީ މަހުގައި ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.









