ޚިދްމަތްތައް ޑިޖިޓަލައިޒްކޮށް އިތުރަށް ތަރައްޤީ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އާއި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑާއި ދެމެދު މެމޮރަމްޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ)އެއްގައި ސޮއިކޮށްފިއެވެ.
މިކަމަށްޓަކައި އިސްލާމިކް މިނިސްޓްރީގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި އެމް.އޯ.ޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ސައީދާ އުމަރުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވީ، މި އެމްއޯޔޫގައި ސޮއިކުރެވިގެން ދިއުމާއި އެކު، މިނިސްޓްރީގެ ޚިދްމަތްތައް ޑިޖިޓަލައިޒްކޮށް ތަރައްޤީ ކުރުމުން، މިނިސްޓްރީގެ މަސައްކަތްތައް އަވަސްވެ ރައްޔިތުންނަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މި ހަފްލާގައި ވާހަކަ ދައްކަވަމުން ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ އެމްޑީ ސައީދާ ވިދާޅުވީ، މިނިސްޓްރީއާއެކު މި ސޮއި ކުރެވުނު އެމްއޯޔޫގެ މަޤްސަދަކީ ރައްޔިތުންނަށް ލިބޭ ޚިދްމަތްތައް ފަސޭހައިން ލިބޭނެ މަގުފަހިކޮށްދިނުން ކަމަށެވެ.









