ދިވެހިރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރަން ނިންމި ނިންމުން ބަދަލު ކުރަން ހިއުމަން ރައިޓްސް ވޮޗް އިން ގޮވާލައިފިއެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މި ސަރުކާރުގެ ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މި ސަރުކާރުން ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރަން ނިންމާފައިވާކަމަށާއި އަދި މަރުގެ އަދަބު ތަންފީޒު ކުރުމާ ގުޅޭގޮތުން ކުރަންޖެހޭ އަދި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ގާނޫނާ ގަވާއިދާ އެއްގޮތަށް އެކަން ކުރާނެ ކަމަށެވެ.
މި ސަރުކާރުން ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރަން ނިންމާފައިވާކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާލުވި ވިދާޅުވުމަށް ރައްދުގައި ހިއުމަން ރައިޓްސް ވޮޗްގެ އެސޯސިއޭޓް އޭޝިއާގެ ޑިރެކްޓަރު ޕެޓްރިޝިއާ ގޮސްމަން ވަނީ ރާއްޖޭގައި އަލުން މަރުގެ އަދަބު ތަންފީޒުކުރަން ނިންމި ނިންމުން ވަގުތުން ބަދަލު ކުރުމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލާފައެވެ.
އަދި ރާއްޖޭ ޖިނާއީ އަދުލުގެ ނިޒާމަކީ ބައިނަލްއަގުވާމީ ގޮތުން އަނިޔާވެރި އަދި ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ކުރެވޭ މަަސައްކަތާއި އެއްގޮތަށް ގާއިމުކުރެވިފައިވާ ނިޒާމަކަށް ވާން ޖެހޭނެކަމަށް ޕެޓްރިޝިއާ ފާހަގަކުރެއްވިއެވެ.
”ރާއްޖޭގައި އަލުން މަރުގެ އަދަބު ތަންފީޒުކުރަން ނިންމި ނިންމުން ވަގުތުން ބަދަލު ކުރުމަށް ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާއަށް ގޮވާލަން. މި އަނިޔާވެރި އަދި ލާއިންސާނީ އަމަލު އުވާލުމަށް ދުނިޔޭގައި ކުރާ މަސައްކަތާ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު އެއްގޮތް ވާން ޖެހޭ،“ ޕެޓްރިޝިއާ ވިދާޅުވި އެވެ.









