އިންޑިއާ ކައިރިން ދަތުރުކުރި އިޒްރޭލަށް ނިސްބަތްވާ މުދާ އުފުލާ ބޯޓަކަށް ޑްރޯން ހަމަލާ ދީފިއެވެ.
ރިޕޯޓުތައް ބުނާގޮތުން މި ބޯޓަށް ޑްރޯން ހަމަލާ ދީފައިވަނީ އިންޑިއާގެ ގުޖުރާތާ 200 ނޯޓިކަލް މޭލު ދުރުން ދަތުރުކުރި އެބޯޓަކަށެވެ. އަދި މި ބޯޓުގައި އިންޑިއާއަށް ނިސްބަތްވާ 20 ފަޅުވެރިން ތިބި ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
މި ބޯޓަށް ހަމަލާދީފައި ވަނީ ސީދާ ކޮންފަރާތަކުން ކަން ކަށަވަރު ނުވި ނަމަވެސް ، ބޮޑަށް ބެލެވިފައިވަނީ މިއީ ޔަމަނުގެ ހޫތީން ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެން ނަމަވެސް، އެއްވެސް ބަޔަކު އަދި އެހަމަލާގެ ޒިންމާ ނަގާފައި ނުވާ ކަމަށް އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
ބޯޓަށް ދިން ހަމަލާއާ އެކު ބޯޓުގައި އަލިފާން ރޯވި ނަމަވެސް އެއްވެސް ފަޅުވެރިޔަކަށް އަދި މުދަލަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހަމަލާގެ މައުލޫމާތާއެކު އިންޑިއާގެ ހަނގުރާމަ މަތީ މަނަވަރެއްގެ އިތުރުން ރެސްކިއު މަތިންދާ ބޯޓެއް އެސަރަހައްދަށް ވަނީ ފޮނުވައިފައެވެ.
ހަމަލާ ދީފައިވާ އެބޯޓަކީ މޯލްޓާއަށް ނިސްބަތްވާ ބޯޓެއް ކަމަށާއި ނަމަވެސް އެބޯޓު އޮޕަރޭޓު ކުރަނީ އިޒްރޭލަށް ނިސްބަތްވާ ކުންފުންޏަކުން ކަމަށް އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.









