މާލެ ސަރަހައްދުން އިތުރު ބަޔަކު ފައިލޭރިއާއަށް ޕޮޒިޓިވްވެ ޖުމްލަ އަދަދު 32 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
އެޗްޕީއޭއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ 22 އަދި 23 ގައި މާލޭ ސަރަހައްދުގައި ކުރެވުނު ޓެސްޓުތަކުން ހުޅުމާލެއިން 5 މީހަކު ފައިލޭރިއާއަށް ޕޮޒިޓިވްވެފައިވާއިރު، މާލެއިން އެކަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި ގުޅީފަޅުންވެސް ބިދޭސީއަކު ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި މިހާތަނަށް ކުރެވުނު ޓެސްޓުތަކުން އެއްވެސް ދިވެއްސަކު ފައިލޭރިއާއަށް ޕޮޒިޓިވްވެފައިނުވެއެވެ. އެޗްޕީއޭއިން ވަނީ މިހާތަނަށް ޖުމްލަ 155 ދިވެހިން ފައިލޭރިއާއަށް ޓެސްޓު ކޮށްފައެވެ. މި އެންމެނަކީވެސް ހދ ކުޅުދުއްފުށިން ޓެސްޓު ކުރެވުނު މީހުންނެވެ.
އެޗްޕީއޭއިން ބުނީ މިހާތަނަށް 528 މީހަކު ޓެސްޓުކޮށްފައިވާއިރު، އޭގެ ތެރެއިން 496 މީހަކު ނެގަޓިވް ވެފައިވާކަމަށެވެ. އަދި ޓެސްޓުކުރި ބިދޭސީންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޓެސްޓުކުރި 89 މީހަކާއި، ކުޅުދުއްފުށިން ޓެސްޓުކުރި 439 މީހެކެވެ.
އެޗްޕީއޭއިން ބުނީ، ފައިލޭރިއާއަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ 10 މީހަކާއި، އިންޑިއާގެ ބިހާރުގެ 18 މީހަކާއި، އިންޑިއާގެ ޓެމިލްނާޑޫގެ 1 މީހަކާއި އިންޑިއާގެ ގޯޕާލްގަންޖުގެ 1 މީހެއްގެ އިތުރުން ބަންގްލަދޭޝްގެ 2 މީހެކެވެ.
ފައިލޭރިއާއަށް ޕޮޒިޓިވްވާ މީހުންނަށް ބޭސްފަރުވާގެ ކަންކަން ކުރިއަށް ގެންދަނީ އެޗްޕީއޭގެ ބެލުމުގެ ދަށުންނެވެ. އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި މިހާތަނަށް ޕޮޒިޓިވްވި ހުރިހާ އެންމެނަށް ބޭސް ދެވިފައިވާ ކަމަށެވެ.









