Search Streamline Icon: https://streamlinehq.com

ޑިމޮކްރަސީއާ ނުލައި މުޖުތަމަޢުގައި އިންސާފާއި ހަމަހަމަކަމާއި އުފާ ފާގަތިކަން ނޯންނާނެ: ނައިބު ރައީސް

334623 24aef087 1

ޑިމޮކްރަސީއަކީ މުޖުތަމަޢެއްގެ ދުޅަހެޔޮކަން ކަށަވަރުކޮށްދޭ މައިބަދަކަމަށާއި ޑިމޮކްރަސީއާ ނުލައި މުޖުތަމަޢުގައި އިންސާފާއި ހަމަހަމަކަމާއި އުފާ ފާގަތިކަން ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

މޮންޓަނޭގްރޯގެ ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓަނޭގްރޯގައި އާދިއްތަ ދުވަހު ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ޑިމޮކްރަސީއަކީ މުޖުތަމަޢެއްގެ ދުޅަހެޔޮކަން ކަށަވަރުކޮށްދޭ މައިބަދަކަމަށާއި ޑިމޮކްރަސީއާ ނުލައި މުޖުތަމަޢުގައި އިންސާފާއި ހަމަހަމަކަމާއި އުފާ ފާގަތިކަން ނޯންނާނެކަމަށެވެ. އަދި ރައްޔިތުން ބާރުވެރިކޮށް އެމީހުންގެ ބައިވެރިވުމާއެކު ޤައުމުގެ މިސްރާބު ބައްޓަންކުރުމަށްޓަކައި ހުރިހާ ފަރާތްތަކުން ވެސް ބަހާއި އަމަލުން ޑިމޮކްރަސީގެ ރޫހަށް ތަބާވުމަށް ވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ރާއްޖެއަކީ ވަރަށް ހަގު ޑިމޮކްރަސީއެއްކަމާއި ގިނަ ޕާޓީތަކުގެ މައްޗަށް އެކުލެވޭ އިންތިޚާބެއް ރާއްޖޭގައި ފުރަތަމަ ބާއްވާފައި ވަނީ ވެސް 2008 ވަނަ އަހަރުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއާއި މޮންޓްނޭގްރޯ އާއި މި ދެޤައުމަކީ އެއްޤައުމުން އަނެއް ޤައުމުގެ ޑިމޮކްރަސީގެ ތަޖުރިބާތައް ހިއްސާކުރެވިދާނެ ދެޤައުމުކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ރައްކާތެރިކޮށް ޤައުމު ކުރިޔަށް ގޮސްދިނުމަށް ރައްޔިތުން އެމަނިކުފާނާ މަތިކުރައްވާފައިވާ ޒިންމާއާއި އެކުގައިކަށާއި އަދި ސަރުކާރު އޮތީ ރެޔާދުވާލު ހުއްޓުމެއްނެތި، ރައްޔިތުންނަށް ވެފައިވާ އެ ވަޢުދުތައް ފުއްދައިދެއްވުމުގެ މަސައްކަތްކުރުމަށް ތައްޔާރަށްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރަސްމީ ދަތުރުފުޅެއްގައި މޮންޓެނޭގްރޯއަށް ވަޑައިގެންނެވީ އެޤައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ފޮރ ސެކިއުރިޓީ، އިންޓަރނަލް ޕޮލިސީ، ޔޫރަޕިއަން އެންޑް ފޮރިން އެފެއާޒް އަދި ޑިމޮކްރެޓިކް މޮންޓަނޭގްރޯގެ ރައީސް ހިޒް އެކްސެލެންސީ މިސްޓަރ އެލެކްސާ ބެޗިޗްގެ ދަޢުވަތަކަށެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ-އެޓް-ލާރޖް މުޙައްމަދު ޙުސައިން ޝަރީފް ބައިވެރިވެވަޑައިގަންނަވައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *