ޕޮލިސް ކޮމިޝަނަރުގެ މަގާމަށް އަލީ ޝުޖާއު މިއަދު އައްޔަންކޮށްފި އެވެެ.
އޭނަ އެ މަގާމަށް އައްޔަންކޮށް މަގާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ ހެނދުނު ރައީސް އޮފީހުގަ އެވެ.
ޝުޖާޢު އެންމެ ފަހުން ހުންނެވީ އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުގަ އެވެ. ޕޮލިސް އެކަޑަމީގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރެއްވުމާއި ފުލުހުންގެ ޚިދުމަތުގައި ދިގު މުއްދަތެއް ޝުޖާއު ހޭދަކުރައްވާފައި ވެއެވެ.
ޝުޖާއު ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީން މާސްޓަ އޮފް މެނޭޖްމަންޓް ހާސިލުކުރައްވައިފައެވެ. އަދި އޭނަ އަކީ އެމެރިކާގެ ޔުނިވަސިޓީ އޮފް ވާޖީނިއާ އެފިލިއޭޓްވާ އެފްބީއައި ނޭޝަނަލް އެކަޑަމީ ސެޝަން 277 ގެ އެފްބީއައި ގުރެޖުއޭޓެއް ވެސް މެ އެވެ.
ސީޕީގެ މަޤާމް އެންމެ ފަހުން ފުރުއްވީ މުގައްމަދު ހަމީދެވެ. އޭނަ މިދިޔަ މަހުގެ 15 ގައި ރިޓަޔަކުރެއްވުމާ ގުޅިގެން އެކްޓިންގ ކޮމިޝަނަރުގެ މަގާމު އަދާކުރައްވަނީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ އެވެ.
ސީޕީގެ މަގާމަށް ކުރިމަތިލާން މި މަހުގެ ކުރީކޮޅު ހުޅުވައިލުމުން ޝުޖާއުގެ އިތުރުން ކުރިމަތިލެއްވީ އެސިސްޓަންޓް ކޮމިޝަނަރު އިސްމާއީލް ނަވީން އެވެ. ޝުޖާއު ސީޕީއަކަށް އައްޔަންކުރަން ޕޮލިސް ބޯޑުން ލަފާ ދިނީ އިއްޔެ އެވެ.









