ލ. ގަމުގައި އަޅަން ނިންމި ކެންސަރު ހޮސްޕިޓަލު މާލެއަށް ބަދަލުކުރުމަކީ އަތޮޅު ތެރޭގެ ތަރައްގީއަށް މި ސަރުކާރުން އިސްކަން ނުދޭ ކަމުގެ ނިޝާނެއް ކަމަށް ލ.ގަމު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެ އެވެ.
ކުރީ ސަރުކާރުން ލ. ގަމުގައި އިމާރާތް ކުރަން ނިންމި ކެންސަރު ހޮސްޕިޓަލު މާލެއަށް ބަދަލު ކުރަން ނިންމުމުން، އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާ ވިސާމް ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ލ. ގަމުގައި އަޅަން ނިންމި ކެންސަރު ހޮސްޕިޓަލު މާލެއަށް ބަދަލުކުރުމަކީ އަތޮޅު ތެރޭގެ ތަރައްގީއަށް މި ސަރުކާރުން އިސްކަން ނުދޭ ކަމުގެ ނިޝާނެއް ކަމަށެވެ. އަދި ގަމުގައި މި ހޮސްޕިޓަލް އެޅުމުގެ ހުރިހާ ކަމެއް ހަމަޖެހިފައިވާ މި ޕްރޮޖެކްޓު މާލެއަށް ބަދަލު ކުރުމަކީ އަތޮޅުތެރެ އާއި ރަށްތަކުގެ ތަރައްގީއަށް މި ސަރުކާރުން އިސްކަން ނުދޭކަން ހާމަވާ ކަމެއްކަމަށް ވެސް ވިސާމް ވިދާޅުވި އެވެ.
ކެންސަރު ހޮސްޕިޓަލް މާލެއަށް ބަދަލުކުރަން ނިންމިއިރު ގަމުގައި އެ ހޮސްޕިޓަލް އަޅަން ކުރަންޖެހޭ މަސައްކަތްތައް ނިމިފައިވާއިރު، ކެންސަރު ހޮސްޕިޓަލް ބަދަލު ކުރަން މި ސަރުކާރުން ނިންމީ ޓާޝަރީ ފަރުވާ ނުލިބޭ ސަރަހައްދެއްގައި ކެންސަރު ހޮސްޕިޓަލް އަޅަން ޖެހުމުން ކަމަށް ސަރުކާރުން ބުނެ އެވެ.
އެ ވާހަކަ ދޮގުކުރައްވައި، ވިސާމް ވިދާޅުވީ، އެ ހޮސްޕިޓަލް ގަމުގައި އެޅުމުގެ ބޭނުމުގައި ނިމިދިޔަ ސަރުކާރުން 130 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ގަމުގައި އެޅުމަށް ޖުލައި 16، 2023 ގައި އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ.
”ގަމުގައި ޓާޝަރީ ހޮސްޕިޓަލް އެޅުމަށް ހަވާލުކޮށްފައި އޮއްވައި އެ ހިދުމަތް ނުލިބޭ ކަމަށް ބުނެ ކެންސަރު ހޮސްޕިޓަލް ބަދަލު ކުރުމުން ސަރުކާރުން ދައްކާ ވާހަކަ ދެކޮޅު ނުޖެހޭ ކަން ހާމަވޭ، މިކަމުގެ ސަބަބުން ގަމުގައި އެޅުމަށް ހަވާލުކޮށްފައިވާ ޓާޝަރީ ހޮސްޕިޓަލް ވެސް އެހެން ރަށަކަށް ބަދަލުކޮށްފާނެ ބިރު އެބައޮތް،“ ވިސާމް ވިދާޅުވި އެވެ.









