އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރައްވަން، އެ އެ އިދާރާގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) ފޯމު ހުށަހަޅައިފި އެވެ.
އަހްމަދު ތޯރިގް އިންތިހާބަށް ކުރިމަތިލުމަށް ފޯމު މިހުށައެޅުއްވީ ވަގުތު ވަރަށް ކުޑަތަންވެފައި ވަނިކޮށެވެ. އެގޮތުން މި އިންތިހާބަށް ކުރިމަތިލުމުގެ އެންމެ ފަހު ވަގުތަކީ މިއަދުގެ މެންދުރު ފަހު 2 ޖެހުމާއި ހަމައަށެވެ.
އިންތިހާބުގައި ވާދަކުރައްވަން، މިދިޔަ ނޮވެމްބަރު މަހު އިއުލާން ކުރި ތޯރިގު، މިއަދު ފޯމު ހުށަހެޅީ، މާޒިޔާ އާއި ޓީސީ ސްޕޯޓްސް އަދި ވެލެންސިއާގެ ނޮމިނޭޝަނާ އެކު އެވެ.
އިންތިހާބަށް ކުރިމަތިލާ ކެނޑިޑޭޓަކު ފޯމު ހުށަހަޅަން ޖެހޭނީ ފުރަތަމަ ޑިވިޝަނުން މަދުވެގެން ތިން ކްލަބްގެ އެންޑޯޒްމެންޓް ލިބިގެން ކަމަށް އެފްއޭއެމުން ބުނެ އެވެ.
މިއީ، އެފްއޭއެމްގެ ރައީސް ކަމަށް ޓޮމް ކުރިމަތިލެއްވި ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ އެފްއޭއެމްގެ ރައީސް ކަމަށް އޭނާ ކުރިމަތިލީ، ޖޫން 2016 ގައި ބޭއްވި އިންތިހާބުގަ އެވެ. މި އިންތިހާބުގައި ޓޮމްއާ ވާދަ ކުރައްވައި ބައްސާމް ފުރަތަމަ ފަހަރަށް އެފްއޭއެމްގެ ރައީސްކަމަށް އިންތިހާބުވި އެވެ.









