ރާއްޖޭގެ ފަތުރުވެރިން އިޝްތިހާރު ކުރާ ކުންފުނި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޗެއާޕާސަންގެ މަގާމަށް ރައީސް މުހައްމަދު މުއިއްޒުގެ ޕްރިންސިޕަލް އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓު އޮން ޓްރޭޑް އެންޑް އިންވެސްޓުމެންޓް، މުހައްމަދު އަލީ ޖަނާހުގެ ދަރިކަނބަލުން އާއިޝާ ނޫރައިން ޖަނާހު އައްޔަން ކުރައްވައިފި އެވެ.
އެ މަގާމަށް ނޫރައިން އައްޔަނުކުރިކަން ހާމަކުރީ، އެމްއެމްޕީއާރްސީން އޭނާއަށް މަރުހަބާކިޔައި ކުރި ޕޯސްޓަކުންނެވެ. އޭނާ އެ މަގާމަށް އައްޔަން ކުރައްވައިފައިވަނީ ބުދަ ދުވަހުގެ ވަގުތެއްގައެވެ.
ނޫރައިން އެ މަގާމަށް އައްޔަންކުރެއްވިއިރު، އޭނާ ދިރިއުޅުއްވީ ނިއުޒިލެންޑުގައެވެ. އެގޮތުން އޭނާގެ މަދަރުސީ ހަޔާތް ފުރިހަމަކުރައްވައި، މަތީ ތައުލީމުވެސް ފުރިހަމަކުރެއްވީ ނިއުޒިލެންޑުގައިއެވެ. އެގޮތުން ހިއުމަން ޖިއޯގްރަފީގެ ދާއިރާއިން ފުރަތަމަ ޑިގްރީ ވެސް ހާސިލް ކުރައްވާފައިވާ ނޫރައިން ވަނީ، ނިއުޒިލޭންޑުގައި ހުންނަ އޯކްލޭންޑް ޔުނިވަރސިޓީން އެކައުންޓިންގ ދާއިރާއިން މާސްޓަރސް ޙާސިލްކުރައްވާފައެވެ.
ނޫރައިނަކީ ނިއުޒިލެންޑުގެ އެކި ޓްރަސްޓީ ބޯޑުތަކުގައި މެންބަރުކަން އަދާކުރެއްވި ކަނބަލަކަށްވާއިރު، އޭނާއަކީ ބައްޕާފުޅު މުހައްމަދު ޖަނާހު ހިންގަވާ ހޮޓެލްސް އެންޑް ރިސޯޓް އިންވެސްޓުމަންޓު ކުންފުނީގެ ގުރޫޕް ވައިސް ޗެއަރވެސް މެއެވެ.









