ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ޖަރީމާތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން މަސައްކަތް ނުކުރާ ކަމަށް ވިދާޅުވެ، ގައުމުތަކަށް ސައުދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިސަލް ބިން ފަރްހާން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ޕްރިންސް ފައިސަލް ބިން ފަރްހާން މިހެން ވިދާޅުވީ، ޗައިނާގެ ހާރިޖީ ވަޒީރާއި އަރަބި އަދި އިސްލާމީ ގައުމުތަކުގެ ވަޒީރުންނާއެކު ބެއިޖިންގައި ބޭއްވި ބައްދަލުވުމެއްގަ އެވެ.
ބެއިޖިންގައި ތިއްބެވި ޑިޕްލޮމެޓުންނާ އެކު ބޭއްވި ބައްދަލުވުމުގައި ޕްރިންސް ފައިސަލް ވަނީ ޣައްޒާއާ ދެކޮޅަށް އިޒްރޭލުގެ ޔަހޫދީ ސިފައިން ހިނގަމުންދާ ލާއިންސާނީ ޖަރީމާތައް ނިމުމަކަށް ގެނެސް ޣައްޒާގެ މުސްލިމުންގެ ފުރާނަ ސަލާމަތް ކުރުމަށް ބައިނަލްއަގުވާމީ ގޮތުން އިތުރު މަސައްކަތްތަކެއް ކުރުމަށް ގޮވާލައްވައިފަ އެވެ.
“އަޅުގަނޑުމެން މިތިބީ ސާފު ސިގްނަލެއް ދޭން. އެއީ ހަނގުރާމައާއި މީހުން މެރުން ވަގުތުން ހުއްޓާލަންޖެހޭ، ވަގުތުން ޣައްޒާއަށް އިންސާނީ އެހީއާއި ސާމާނު ފޯރުކޮށްދޭންޖެހޭ، ހަނގުރާމަ ދިގުލައިގެންދާ ކޮންމެ ދުވަހަކީ ބައިނަލްއަގުވާމީ މުޖުތަމައުއިން އެކަމުގެ ޒިންމާ ނަގަންޖެހޭނެ ކަމެއް” ޕްރިންސް ފައިސަލް ވިދާޅުވި އެވެ.
ހުސްވި އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި 21,000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެ އެވެ. އޭގެ ތެރޭގައި 10,500 އެއްހާ ކުޑަކުދިންނާއި 8,300 އަށްވުރެ ގިނަ އަދަދަކަށް އަންހެނުން ހިމެނެ އެވެ.









