އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެމެރިކާގެ ރައީސް ޖޯ ބައިޑެއް އާއި ދެމެދު ހޫނު ޒުވާބެއް ހިނގައިފިކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
އިސްރާއީލުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި ނަތަންޔާހޫ އާއި ބައިޑެން ޒުވާބު ކޮށްފައިވަނީ ފަލަސްތީނު މައްސަލާގައި ދެކެވުނު ވާކަތަކާއި މެދު ޚިޔާލުތަފާތުވުންތަކެއް އުފެދިގެންކަމަށެވެ.
މި ފޯންކޯލުގައި ދެފަރާތުން އެންމެ ބޮޑަށް ވާހަކަދެކެވުނީ ފަލަސްތީނަށް އެހީގެ ތަކެތި ފޯރުކޮށްދިނުމާއި މެދުގައެވެ. އެގޮތުން ޓެކްސްގެ ގޮތުގައި ލިބޭ ފައިސާ ފަލަސްތީނަށް ދިނުމާއި މެދު ވަނީ މަޝްވަރާކުރެވިފައެވެ. ބައިޑެން ބޭނުންވަނީ ޓެކްސްގެ ގޮތުގައި ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްްޔިތުންނަށް އެހީތެރިވުމަށް ދިނުމަށެވެ. ނަމަވެސް ނަތަންޔާހޫ މިކަމާއި ދެކޮޅު ހަދާފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.
ރިޕޯޓު ބުނާގޮތުން ނަތަންޔާހޫ ފަލަސްތީނަށް ޓެކްސްފައިސާ ދިނުމަށް ދެކޮޅު ހަދާފައިވަނީ އެ ފައިސާ ހަމާސްއަށް ލިބި އޭގެ ފައިދާ ހަމާސްއަށް ކުރާތީ ކަމަށް ބުނެއެވެ. މީގެ ކުރިންވެސް އެ ފައިސާ ނުދީ ހުއްޓާލާފައި ވަނީ މި ސަބަބުތަކަށްޓަކައި ކަމަށް ނަތަންޔާހޫ ބުނެފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.
ދެ ފަރާތުގެ ދެމެދުގައި ހޫނު ބަހުސެއް ކުރެވިގެން ދިޔަ އިރު، މިކަމަށް ވަކިގޮތެއް އަދިވެސް ނުނިމޭކަމަށް ރިޕޯޓުގައިވެއެވެ.









