މަދިރީގެ ޒަރިއްޔާއިން ޖެހޭ ބައެއް ބަލިތައް ރާއްޖެއިން ނައްތާލެވިފައި ވީނަމަވެސް ފައިލޭރިއާ ފަދަ ބަލިތަކުގެ ކޭސްތަކެއް އަލުން ފެނުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮންނާނެ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
”މަދިރިން ރައްކާ“ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ނައިބް ރައީސް އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް ވަނީ މަދިރީގެ ޒަރިއްޔާއިން ޖެހޭ ބައެއް ބަލިތައް ރާއްޖެއިން ނައްތާލެވިފައި ވީނަމަވެސް ފައިލޭރިއާ ފަދަ ބަލިތަކުގެ ކޭސްތަކެއް އަލުން ފެނުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮންނާނެ ކަމެއްކަމަށާއި އަދި ސަރުކާރުގެ އެކި މުއައްސަސާތަކާއި އާންމު މަދަނީ ޖަމްޢިއްޔާތަކާއި ރައްޔިތުން ގުޅިގެން މިފަދަ ކެމްޕެއިނެއް ފެށްޓުމަކީ ރައްޔިތުންނަށް ހިތްހަމަޖެހޭނެ ކަމެއްކަމަށް ޤަބޫލުފުޅު ކުރައްވާކަމަށް ނައިބްރައީސް ވިދާޅުވިއެވެ.
މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތަކުން ސަލާމަތްވުމަށް ސާފުތާހިރުކަމަކީ މުހިންމު ކަމެއްކަމުގައި ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މަދިރި ކޮންޓްރޯލް ކުރުމަށް މިފެށި ކެމްޕެއިނަށް ރައްޔިތުން އެއްބާރުލުން ދީ ކޮންމެ ދުވަހަކު މި މަސައްކަތް ކުރިއަށް ގެންދިޔުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ. އަދި ސާފުކުރުމުގެ ޙަރަކާތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިޔުމަށްވެސް އިލްތިމާސްކުރެއްވިއެވެ.
”ފަރުދީ ގޮތުންވެސް ޖަމާޢަތުގެ ގޮތުންވެސް އަދި ރައްޔިތުންނަށް ޚިދުމަތްދޭ ތަނެއްގެ ވިޔަސް އެފަދަ ފަރާތެއްގެ ކުޑަވެސް އިހުމާލަކުން ވަރަށް ބޮޑެތި ކަންކަމާ ކުރިމަތިލާން އެބަޖެހޭ. މިއަދު މިޙާލަތުން އަރައިގަތުމަށްޓަކައި މުޖުތަމަޢުގެ ފަރުދުންގެ ތެރޭގައި އޮތް އެއްބައިވަންތަކަން ދެއްކުން މުހިންމު. ތާރީޚުގައި އަޅުގަނޑުމެން ވަނީ އެކަން އެގޮތަށް ދައްކައިދީފައި. އިޖުތިމާޢީ މިންގަނޑަށް ފެތޭނެ ގޮތަށް ތަންތަން ބެހެއްޓުން މުހިންމު. މަދިރި އާލާ ނުވާގޮތަށް ތަންތަން ބެހެއްޓުމަށް ސަމާލުކަން ދެއްވާ.“ ނައިބް ރައީސް އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ސިއްޙަތާބެހޭ ވަޒީރު ޑރ.އަބްދުﷲ ޚަލީލް ވިދާޅުވީ ރާއްޖެއިން ނައްތާލެވިފައިވާ ބަލިތަކަކީ ރާއްޖެއިން ފެންނަ ބޭނުންނުވާ، އެ ނައްތާލާފައި އޮތްގޮތަށް ދެމި އޮންނަށް ބޭނުންވާ ބަލިތަކެއްކަމަށެވެ. އެފަދަ ބަލިތައް ނައްތާލުމުން ބައިނަލް އަޤްވާމީ އިދާރާތަކުން ރާއްޖެއަށް ޚާއްސަ ނަޒަރަކުން ބަލާކަމަށާ އެއީ އެފަދަ ބަލިތައް ނައްތާލުމަށްޓަކައި ސިއްހީ ނިޒާމުގެ ތެރެއިންނާއި ފަރުދުންގެ ފަރާތުން ކުރާ މަސައްކަތްތަކުގެ ނަތީޖާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވަޒީރު ވަނީ ނުރައްކާތެރި ބަލިތަކުން ސަލާމަތްވުމަށް މަދިިރ ނައްތާލެވޭނެ ހުރިހާ މަސައްކަތްތަކެއް ފަރުދީ ހައިސިއްޔަތުންވެސް ކުރުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވާފައެވެ.









