މަދިރީގެ ސަބަބުން ޖެހޭ ބަލިތައް ރާއްޖޭގައި ގިނަވަމުންދާތީ ”މަދިރިން ރައްކާ“ގެ ނަމުގައި ގައުމީ ފެންވަރުގެ ހަރަކާތެއް މިއަދު މުޅި ރާއްޖޭގައި ފަށައިފި އެވެ.
މިހަރަކާތް ރަސްމީކޮށް އިފްތިތާހުކުރީ މިއަދު ހެނދުނު 7:30 ގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހަދާފައިވާ ރިވެލި ޕާކް ސަރަަހައްދުންނެވެ.
މި ހަރަކާތް އިފްތިތާހް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ހުސައިން މުހައްމަދު ލަތީފް އެވެ.
މިހަރަކާތް މާލެ ސަރަހައްދުގައި ކުރިއަށް ގެންދަނީ ހެލްތު މިނިސްޓްރީ އާއި އެޗްޕީއޭއާއި އާބަންކޯ އިސްކޮށް ތިބެ ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި ސަރުކާރުގެ ކުންފުނިތަކާއި ބައެއް އަމިއްލަ ޖަމާއަތްތައްވެސް ގުޅިގެންނެވެ.
މަދިރި ނައްތާލުމުގެ ގައުމީ ކެމްޕޭނެއް ފަށާފައި މިވަނީ ކުޅުދުއްފުށިންނާއި މާލެ ސަރަހައްދުން މަދިރިން ޖެހޭ ބައްޔެއް ކަމަށްވާ ފައިލޭރިއާއަށް ޕޮޒިޓިވް ގިނަ އަދަދެއްގެ ބިދޭސީންތަކެއް ފެނިފައި ވަނިކޮށެވެ.









