ގާތުން ރައްޔިތުންނަށް ހިދުމަތް ދިނުމަށްޓަކައި ބޭސިކް ޕޮލިސް ރަނގަޅު ކުރާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު މިގޮތަށް ވިދާޅުވީ އިސްކަންދަރު ބިލްޑިންގްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުންނެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ ގާތުން ރައްޔިތުންނަށް ހިދުމަތް ދިނުމަށްޓަކައި ބޭސިކް ޕޮލިސް ރަނގަޅު ކުރާނެ ކަމަށާއި އެގޮތުން ރައްޔިތުންނާ ގާތުން ހިދުމަތްކުރާ ފުލުހުން ރާއްޖޭގެ އެކި ހިސާބުތަކުން ފެނިގެންދާނެ ކަމަށެވެ. އަދި ފައި މަގުގައި ޕެޓްރޯލުކުރާ ފުލުހުން އިތުރުވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަދި މިކަމުގެ ނަތީޖާ އަކަށް ވެގެންދާނީ މުޖްތަމައުގައި ކުށް ކުރާ މިންވަރު މަދުވެ، ރައްޔިތުންނަށް އަމާންކަން އިހުސާސު ކުރެވުން ކަމަށާއި އަދި ބޭސިކް ޕޮލިސިންގ ރަނގަޅު ކުރުމަށް މަސައްކަތް ކުރުމުން ލިބިގަނެވޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް އަވަހަށް ތަހުގީގު ކުރެވި އެ މައްސަލަތަކުގައި ގެއްލުން ލިބޭ ފަރާތަށް އިންސާފު ލިބުން އަވަސްވެގެން ދިޔުންކަމަށް ވެސް ކޮމިޝަނަރ އޮފް ޕޮލިސް ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ، މަސްތުވާތަކެއްޗާއި ގޭންގް މާރާމާރީތަކާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ. އެގޮތުން، މަސްތުވާތަކެތި އެތެރެވުމަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއެކު މިހާރަށްވުރެ ރަނގަޅަށް މަސައްކަތްކުރުމަށް ފުލުހުންނަށް ފުރުޞަތުލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުން ހޯދައި، ނޭޝަނަލް ޑްރަގް އޭޖެންސީއާ ޙަވާލުކުރުމުން، އެ އޭޖެންސީގެ ފަރާތުން އެ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ކޯޑިނޭޓް ކުރަމުންދާނެ ކަމަށް ވިދާޅުވިއެވެ.









