ޣައްޒާގައި ޔަހޫދީ ސިފައިން ހިންގަމުން ގެންދާ ޤަތުލުއާންމުތައް ދުވަހެއް ދުވަަހަކަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ފަލަސްތީނުގެ ކުށެއް ނެތް އެތަކެއް ރައްޔިތުންނެއް ޔަހޫދީން ދަނީ ޝަހީދުކުރަމުންނެވެ.
އެގޮތުން ޣައްޒާގައި ހުންނަ ފަލަސްތީނުގެ ސިއްކީ ވުޒާރާއިން މިއަދު އާންމުކުރި އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު، ޔަހޫދީ ސިފައިން ވަނީ ވޭތުވެ ދިޔަ 24 ގަޑއިރުގެ ތެރޭގައި ޣައްޒާއިން 10 އާއިލާއަކުން 128 މީހަކު ޝަހީދުކޮށްލާފައެވެ. އޭގެ ތެރޭގައި ގިނައީ ކުދަކުދިންނާއި އަންހެނުންކަމަށް ރިޕޯޓުކޮށްފައިވެއެވެ.
ގަދަކަމުން ފަލަސްތީނުގެ ބިމަށް ވެރިވެގަންނަން މަސައްކަތް ކުރާ އިސްރާއީލުގެ ޔަހޫދީން ދަނީ މިފަދަ އެތަކެއް ޖަރީމާތަކެއް ފަލަސްތީނުގައި ހިންގަމުންނެވެ. އެގޮތުން ފަލަސްތީނުގެ ކުދަކުދިން ހިފާ ހައްޔަރުކުރުމާއި އަންހެނުން ރޭޕް ކުރުންފަދަ ލާއިންސާނީ އަމަލުތައް ދަނީ ހިންގަމުންނެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް އާއި ދެކޮޅަށް ޔަހޫދީން ފެށި ހަނގުރާމައިގައި އެންމެ ބޮޑަށް އަމާޒުހިފާފައި ވަނީ ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުން ޝަހީދުކުރުމަށެވެ. އެގޮތުން ހަނގުރާމަ ފެށިފަހުން އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު ވަނީ 22،313 އަށް އަރާފައެވެ. އަދި ޔަހޫދީންގެ ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު 57،296 އަރައެވެ.









