އީރާނުގެ އިރުދެކުނުގައިވާ އަވަށެއް ކަމަށްވާ ކަރްމާންގައި ދިން ނިރުބަވެރި ބޮމުގެ ހަމަލާތަކުގައި ޢާންމުންގެ 100 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
މި ހަމަލާގައި 100 މީހުންނަށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ރިޕޯޓުކޮށްފައިވާއިރު، 170 އާއި ގާތްކުރާ އަދަދަކަށް މީހުން ޒަޚަމްވެފައިވެއެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އަވަހާރަ ކޮށްލާފައިވާ އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުގެ ކުރީގެ އިސްވެރިޔާ ޤާސިމް ސުލައިމާނީގެ މަޤުބަރާ ކައިރީގައެވެ. ބޮންތައް ގޮއްވައިލާފައި ވަނީ ސުލައިމާނީ އަވަހާރަ ކޮށްލެވުނުތާ ހަތަރު އަހަރު ފުރުން ފާހަގަ ކުރުމަށް އޭނާއަށް އިޙުތިރާމު އަދާ ކުރުމުގެ ގޮތުން ގިނަ ޢަދަދެއްގެ ބަޔަކު މަޤުބަރާ ކައިރިއަށް ޖަމާވެފައިވާ ވަޤުތެއްގައެވެ. ސުލައިމާނީ އަވަހާރަ ކޮށްލާފައިވަނީ އޭނާ އަވަށްޓެރި އިރާޤުގައި ހުންނަވަނިކޮށް 2020 ވަނަ އަހަރު އެމެރިކާއިން ޢިރާޤުގައި ދިން ޑްރޯން ޙަމަލައެއްގައެވެ.
އީރާނުގެ މީޑިޔާތަކުން އާންމު ކޮށްފައިވާ ވީޑިޔޯތަކުން ފެންނަނީ ޙަމަލާގައި ޒަޚަމުވި މީހުންނަށް ފަރުވާ ދިނުމަށް ރެޑް ކްރެސެންޓުގެ ޞިއްޙީ ޚިދުމަތްތެރިން މަސައްކަތް ކުރަމުންދާ މަންޒަރެވެ. މި ޙަމަލާތަކުގައި ޒަޚަމްވި މީހުންގެ ޢަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ. މި ޙަމަލާތަކުގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައިވާ ނުވާއިރު، ހަމަލާތަކުގެ ފަހަތުގައި ތިބީ ކޮން ބަޔެއް ކަން އަދި ސާފެއް ނުވެއެވެ.
އިރާނުގެ އޮފިޝަލުން ބުނީ މިހަމަލާގައި ޒިންމާވާ ބަޔަކު ހޯދާ އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްޤު އަދަބު ދޭނެކަމަށެވެ.
ސުލޭމާނީގެ މަގްބަރާ ކައިރިޔަށް ބުދަދުވަހު ބާރުގަދަ ހަމަލާއެއްދީފައިމިވަނީ ލުބްނާންގައި ހުންނަވަނިކޮން ހަމާސްގެ ޑެޕިއުޓީ ލީޑަރެއްކަމަށްވާ ޞާލިޙް އަލް އަރޯރީ އަންގާރަދުވަހުގެރޭ އަވަހާރަ ކޮށްލުމާއި އުޅިގެން އެސަރަހައްދުގައި ނުތަނަވަސްކަން އިތުރު ވެފައިވާ ދަނޑިވަޅެއްގައެވެ.









