ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ޗައިނާގެ ފޫޖިއާން ޕްރޮވިންސްގެ އިސްވެރިންނާ އެމަނިކުފާނު މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ، މިރޭ ބޭއްވި އެ ބައްދަލުވުމުގައި ސެކްރެޓަރީ އޮފް ދަ ސީޕީސީ ފޫޖިއާން ޕްރޮވިންޝަލް ޕާޓީ ކޮމިޓީ، އަދި ޗެއާމަން އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ފޫޖިއާން ޕްރޮވިންޝަލް ޕީޕަލްސް ކޮންގްރެސް ޗޯ ޒު އީ އާއި، ޑެޕިއުޓީ ސެކްރެޓަރީ އޮފް ދަ ސީޕީސީ ފޫޖިއާން ޕްރޮވިންޝަލް ޕާޓީ ކޮމިޓީ، އަދި ފޫޖިއާން ޕްރޮވިންސްގެ ގަވަރުނަރު ޖާއޮ ލޮންގ ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
ފޫޖިއާން ޕްރޮވިންސްގެ އިތުރު ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގަތް އެ ބައްދަލުވުމުގައި، ސަގާފީ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން، މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުން، ސެކްރެޓަރީ އޮފް ދަ ސީޕީސީ ފޫޖިއާން ޕްރޮވިންޝަލް ޕާޓީ ކޮމިޓީ ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އިންވެސްޓް މޯލްޑިވްސް ފޯރަމަށް ފަހު ދިވެހިރާއްޖެއާއެކު އިންވެސްޓްމަންޓްގެ ދާއިރާއިން މިހާރަށްވުރެ އިތުރަށް ގުޅުން ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.









