އަންނަ މާރިޗްމަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އިލެކްޝަން ކޮމިޝަނުން އާންމުކުރިއިރު، ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ވެސް ވަނީ އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފައެވެ.
ވޯޓުލާ މީހުންގެ ލިސްޓް އާއްމުކޮށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ ބުދަ ދުވަހު ކުރި އިއުލާނުގައި ބުނީ، ވޯޓުލާ މީހުންގެ ރަޖިސްޓަރީ ދިވެހި ސަރުކާރުގެ ގެޒެޓު (www.gazette.gov.mv) ގައި، އެ ކޮމިޝަނުގެ ވެބްސައިޓު (www.elections.gov.mv) ގައި އަދި، މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާ، ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި ޢާންމުކޮށް ފެންނަން ހުންނާނެ ކަމަށެވެ.
މީގެއިތުރުން (VR space IDNO Send to 1414) އެސް.އެމް.އެސް ކޮށްގެންވެސް ރެޖިސްޓްރީގައި ނަން އޮތްތޯ ބެލޭނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 2024 ޖަނަވަރީ 21 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އަދި ޝަކުވާ ހުށަހަޅާނީ، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށް ކަމަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 03:00 އަށް ކަމަށާ ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ކަަމަށެވެ.
އީސީން ބުނީ، މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ރަށުން ޝަކުވާ ބަލައިގަންނާނީ އެ ރަށެއްގެ ކައުންސިލް އިދާރާއިން ކަމަށާ، އަދި އައްޑު އާއި ފުވައްމުލަކު ސިޓީގެ އަވަށު އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިދާރާއިން ޝަކުވާ ބަލައިގަންނާނެކަމަށެވެ. އަދި މާލޭގައި ޝަކުވާ ބަލައިގަންނާނީ ދަރުބާރުގޭގައި ހުންނަ އިންތިހާބާ ބެހޭ މަރުކަޒުންކަމަށްވެސް އިލެކްޝަނުން ބުނެފައިވެއެވެ.









