އަންނަ ރޯދަ މަހު ސަރުކާރުގެ ފަރާތުން ރާއްޖޭގެ ކޮންމެ ގެއަކަށް ހިލޭ ހަނޑޫ އަދި ފުށް ބަސްތާއެއް ދިނުމަށް ނިންމައިފި އެވެ.
ޗައިނާ އަށް ކުރެއްވި ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ރޯދަ މަހު ކޮންމެ ގޭބީސީއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާ އަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ސަރުކާރުން ހަދިޔާ ކުރަން ނިންމާފައިވާ ކަމަށެވެ.
ރައީސްގެ ވާހަކަ ފުޅުގައި ވިދާޅުވީ މި އަންނަ ރޯދަ މަހު ފުރަތަމަ ފަހަރަށް ކޮންމެ ގޭބީސީއަކަށް ސަރުކާރުގެ ފަރާތުން 10 ކިލޯގެ ހަނޑޫ ބަސްތާ އަކާއި 10 ކިލޯގެ ފުއް ބަސްތާއެއް ހަދިޔާ ކުރާނެކަމަށާއި އޭގެ އިތުރު ކަންތައްތައް ވެސް ވާނެކަމަށެވެ. އަދި މި އަންނަ އަހަރު އެއަށް ވުރެ އިތުރު ވެސް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވަނީ އަސާސީ ކާބޯތަކެތި ހޯދުމަށް އެއް ގައުމަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އެގޮތުން ކާޑުގެ ބާވަތްތައް ގެނައުމަށް ތުރުކީއާ އެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށް ރައީސް މުއިއްޒު މިއަދު ވަނީ ހާމަކުރައްވާފަ އެވެ.
މީގެއިތުރުން ރާއްޖެއަށް ވަކި ގައުމަކުން ބޭސް ގެނައުން ނިމުމަކަށް ގެނެސް، ޔޫރަޕާއި އެމެރިކާ އިން ބޭސް އެތެރެ ކުރަން ފަށާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.









