މި އަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހުގެ ކުރިން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް ސަރުކާރުން އިންޑިއާގައި އެދިއްޖެއެވެ.
މިކަން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމްއެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޢަބްދުﷲ ނާޒިމް ވިދާޅުވީ އިންޑިއާ ސިފައިން ފޮނުވައިލުމުގެ މަސައްކަތާއި ގުޅިގެން މިހައިތަނަށް ސަރުކާރުން 11 ބައްދަލުވުން ބާއްވާފައިވާ ކަމަށެވެ. އަދި މިއަދު ކުރިއަށްދަނީ 12 ވަނަ ބައްދަލުވުން ކަމަށާއި މި ބައްދަލުވުމުގައި އިންޑިއާގެ ސަފީރާއި ޖޮއިންޓް ސެކްޓްރީއާއި އިންޑިއާގެ އިސް ފަރާތްތައް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްދަލުވުމުގެ އެޖެންޑާ އައިޓަމެއްގެ ގޮތުން މާރޗް މަހުގެ 15 ކުރިން އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް އެދިވަޑައިގެންފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ރާއްޖޭގައި އިންޑިއާގެ 88 ސިފައިން ތިބި ކަމަށް ސަރުކާރުން ބުނެފައިވާއިރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދުފުޅެވެ. މިއީ ގޮންޖެހުން ބޮޑު ކަމެއް ކަމުގައިވިޔަސް، ރާއްޖެއިން ބޭރުގެ ސިފައިން ފޮނުވައިލުމުގައި ދޫ ނުދެއްވާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.









