Search Streamline Icon: https://streamlinehq.com

ކިޔަމަންތެރިކަން އަދާކުރުން އޮންނަނީ ހަމައެކަނި ރަނގަޅު ކަންތައްތަކުގަ

Alifaan

މާތްﷲ ރުއްސުންލެއްވި އަލީގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެއްފަހަރަކު ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަ ހަނގުރާމައަކަށް ލަޝްކަރެއް ފޮނުއްވެވިއެވެ. އަދި އެލަޝްކަރުގެ މަށްޗަށް ވެރިޔަކު ކަމުގައި އަންޞާރީންގެތެރެއިން ބޭކަލަކު ކަނޑައެޅުއްވިއެވެ.

ދެން މިވެރިމީހާ ދަތުރުމަތީގައި ލަޝްކަރުގެ މީހުންނަށް އަމުރުކުރެއްވިއެވެ. ތިޔަބައިމީހުން ދަރުތަކެއް ޖަމާކުރުމަށްފަހު އަލިފާންގަޑެއް ރޯކުރާށެވެ. ދެން މީސްތަކުން ދަރުތައް ޖަމަޢުކޮށް އަލިފާންގަނޑެއް ރޯކުރުމުން އަމުރުކުރެއްވިއެވެ.

ތިޔަބައިމީހުން އެ އަލިފާންގަނޑަށް ފުންމާލާށެވެ. އެއަށްފަހު ބުންޏެވެ. ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމް ތިމަންނާގެ ބަސްއެހުމަށާއި ތިމަންނާއަށް ކިޔަމަންގަތުމަށް ތިޔަބައިމީހުންނަށް ނާންގަވާހެއްޔެވެ.؟ މިއަޑުއަހާފައި ބައެއް ބޭކަލުން އެއަލިފާންގަނޑަށް ފުންމާލުމަށް ގަސްތުކުރިއެވެ.

އަނެއްބައި ބޭކަލުން ބުންޏެވެ. ތިމަންމެން ނަބިއްޔާގެ އަރިހަށް ގޮސް އެކަލޭގެފާނަށް ބައިއަތުހިފައި މިހުރިހާ ކަމެއް މިކުރަނީ ތިޔަ އަލިފާނުން (ނަރަކައިން) ސަލާމަތްވުމަކަށް ނޫންހެއްޔެވެ.؟ އެބޭކަލުން އެކަމަށް އިންކާރުކޮށް ދެކޮޅުހެދިއެވެ.

ދެންފަހެ މިލަޝްކަރު އެނބުރި ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްގެ އަރިހަށް އައިހިނދު އެކަލޭގެފާނުގެ ކަންފަތްޕުޅަށް މިވާހަކަ އެރުވުނެވެ. އެހިނދު ހަދީޘް ކުރެއްވިއެވެ. “އަލިފާންގަނޑަށް ފުންމާލަން ގަސްދުކުޅަމީހުން އެއަށް ފޭބިނަމަ ދަންނާށެވެ.! ޤިޔާމަތާއި ޖެހެންދެންވެސް އެބައިމީހުން ތާއަބަދަށް އެތާނގައި ތިބެންޖެހުނީހެވެ. އަދި އަލިފާންގަނޑަށް ފުންމާލުމަށް އިންކާރުކޮށް ދެކޮޅުހެދި މީހުންނަށް ގިނަގުނަ ތައުރީފްގެ ބަސްތައް ހަދީޘްކުރެއްވިއެވެ. އެއަށްފަހު ހަދީޘްކުރެއްވިއެވެ. ﷲ އަށް އުރެދޭކަމެއްގައި އެއްވެސްމީހަކަށް ކިޔަމަންގަތުމެއް ނޯވެއެވެ. ނިކަން ދަންނާށެވެ. ކިޔަމަންތެރިކަން އަދާކުރުން އޮންނަނީ ރަނގަޅު ކަންތައްތަކުގައެވެ.”

(ޞަޙީޙް މުސްލިމް.)

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި