އަމިއްލަގެ، ދިމްޔާތަށް ދައުލަތުން 25 މިލިއަން ރުފިޔާ ޚަރަދުކުރިކަމަށް ބުނެ ދެކެވޭ ވާހައަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި ދައުލަތުގެ އެންމެ ރުފިޔާއެއް ވެސް ދިމްޔާތަށް ޚަރަދު ނުކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ.މުއިއްޒު މިފަދައިން ވިދާޅުވީ ރައީސް އޮފީހުން ކުރިއަށްގެންދާ، ރައީސްގެ ޖަވާބު ޕްރޮގްރާމްގައި ށ.ފުނަދޫ ރައްޔިތަކު މިކަމާއި ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ޑރ.މުއިއްޒު ވިދާޅުވީ ދިމްޔާތުގައިި ހުންނެވި ދުވަސްތަކަށް ދައުލަތުން 25 މިލިއަން ހަރަދު ކުރިކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށާއި ދައުލަތުގެ އެންމެ ރުފިޔާއެއް ވެސް ދިމްޔާތަށް ޚަރަދުކޮށްފައި ނުވާނޭކަމަށެވެ.
މުއިއްޒު ވިދާޅުވީ ދިމްޔާތަށް ދައުލަތުން ހަރަދު ކުރާ ގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް، އެއްވެސް ކަމެއްގައި، އަމިއްލަ އަތުން ނޫނިއްޔާ ގެޔަަށް ހަރަދުކުރަން ބޭނުންފުޅުނުވި ކަމަށާއި އެކަމުގެ ސަބަބަކީ ދުވަހަކުވެސް މިފަދަ ވާހަކައެއް ބުނުމަށް ވެސް މީހަކަށް ފުރުސަތު ނުދިނުން ކަމަށް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.
”އަޅުގަނޑު ގޭގައި އަޅުގަނޑު ހުރި ދުވަސްތަކަށް ދައުލަތުން 25 މިލިއަން ހަރަދު ކުރިކަމަށް ބުނާ ވާހައަކީ ކަނޑައެޅިގެން ދޮގެއް. އަޅުގަނޑު ގޭގައި ހުރީ އަޅުގަނޑު އަމިއްލަ ހަރަދުކޮށްގެން. ދައުލަތުގެ އެންމެ ރުފިޔާއެއްވެސް ހަމަ އެއްވެސް ހަރަދެއް ނުހުންނާނެ ކޮށްފައެއް.“ ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.
ރައީސް ޑރ.މުއިއްޒު ވިދާޅުވީ މިއީ މި ސަރުކާރުގެ މަސައްކަތްތައް ދެފުށް ފެންނަ ގޮތަށް ރައްޔިތުންނަށް ސާފުކޮށް އެނގޭތީ، އިދިކޮޅުން އެކަމަށް ދައްކާނެ ވާހަކައެއް ނެތުމުން ހަދައިގެން އުޅޭ ސްޓްރެޓެޖީކަމަށާއި މީގެ ތެރޭގައި އިދިކޮޅު ފަރާތްތަކާއި ރެޖިސްޓަރ ނުކޮށް ހިންގާ ނޫސްތަކާއި ފޭސްބުކް ޕޭޖްތައް ހިމެނޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވަނީ އެފަދަ އެއްވެސް ވާހަކައެއް އިވިއްޖެ ނަމަ، ކަންކަމުގެ ހަގީގަތް ބެލުމަށް ފަހުގައި ނޫނީ ވާހަކަ ނުދެއްކުމަށް ވެސް އެދިވަޑައިގެންފައެވެ.









