ދިވެހިރާއްޖޭގައި އަލަށް ފަށާ ޚިދުމަތެއްކަމުގައިވާ އެއާރ އެމްބިއުލާންސްގެ ޚިދުމަތް މިއަދު ފެށުމަށް ހަމަޖެހިފައިވާއިރު އެ ޚިދުމަތުގައި ބޭނުންކުރާނެ މަތިންދާބޯޓުގެ ފޮޓޯއެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއްމުކުރައްވައިފި އެވެ.
ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށުމަކީ ”ހަފްތާ14″ގައި ހިމަނާފައިވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.
އެއާ އެމްބިއުލާންސްގެ ޚިދުމަތް މިއަދު ފެށުމަށް ހަމަޖެހިފައިވާއިރު، އެއާ އެމްބިޔުލާންސްގެ އެހީގައި ރާއްޖޭގެ އަތޮޅުތަކުން މާލެއަށް ބަލިމީހުން އުފުލުގެ އިތުރުން، ރާއްޖެއިން ބޭރަށްވެސް ބަލިމީހުން އުފުލުމުގެ ޚިދުމަތް ލިބިގެން ދާނެއެވެ.
ރާއްޖޭގެ ޤައުމީ ކުލަތައް ކަމުގައިވާ ފެއްސާއި ރަތާއި ހުދު ހިމަނައިގެން ދިވެހިވަންތަ ގޮޕތަކަށް ފަރުމާކޮށްފައިވާ މި އުޅަނދު ދައްކާލާފައިވާއިރު މިއަދަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއަރ އެމްބިއުލާންސްގެ ހިދުމަތް ފަށާ ތާރީޚީ ދުވަހެކެވެ.
އެއާ އެމްބިއުލެންސްގެ ގޮތުގައި ބޭނުންކުރާނީ ޑޭޝް 8 ގެ ބޯޓަކާއި ސީ ޕްލޭނެެއް ކަމަށްވެސް މައުލޫމާތު ލިބެ އެވެ. އަދި މި އުޅަނދުތައް ބޯޓުތައް ފަރުމާކޮށްފައިވަނީ އެއްފަހަރާ ދެ ބަލިމީހުން އުފުލޭގޮތަށް ކަމަށްވެސް މަޢުލޫމާތު ލިބެ އެވެ.
އެއާއެކު މިއަދުން ފެށިގެން ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ލަންކާގެ ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓާއި ދެމެދު އެއާ އެމްބިއުލާންސްގެ ހިދުމަތް ލިބޭނެ އެވެ. މިޚިދުމަތުގެ ދަށުން ބޮޑެތި އެކްސިޑެންޓްތަކާއި ބަލިތަކާއި އެހެނިހެން ކުއްލި ފަރުވާ ބޭނުންވާ ނުރައްކާތެރި ހާލަތްތަކުގައި އަވަސް ފަރުވާ ހޯދުމަށް ދިވެހިންނަށް ސްރީލަންކާއަށް ވަގުތުން ދެވޭނެއެވެ.
އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފަށާއިރު މިވަގުތު ހުއްދަ ލިބިފައި އޮތީ ސްރީލަންކާއަށް ދަތުރުކުރުމަށެވެ. ބަލި މީހުން ގެންދިޔުމަށް ސްރީލަންކާގެ އިތުރުން އިތުރު ޤައުމުތަކުން ހުއްދަ ހޯދުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.









