ހިލޭ ޑިގްރީ ޕްރޮގްރާމްގައި ކިޔަވަން އަތޮޅުތަކުން މާލެ އައިސް ތިބި ދަރިވަރުންގެ ދިރިއުޅުމުގެ ހަރަދަށް އެހީއެއްގެ ގޮތުގައި، މަހަކު 6،000 ރުފިޔާ ދޭން ނިންމައިފި އެވެ.
މިކަން ހާމަކުރެއްވުމަށް، ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ ހިލޭ ޑިގްރީގައި ބައިވެރިވެގެން ކިޔަވާ ދަރިވަރުންގެ ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ކުރަންޖެހޭ ހަރަދަށް ލޯނުގެ ތެރެއިން ސްޓައިޕެންޑެއް ލިބޭގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.
ސްޓައިޕެންޑްގެ ގޮތުގައި ފައިސާ ދޫކުރާނީ ދަރިވަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން އެކަމަށް އެދުމުންކަމަށާއި ލޯނެއްގެ ގޮތުގައި ދޫކުރާ މި ފައިސާ އަނބުރާ ދައްކަންޖެހޭނީ ކޯސް ނިމޭތާ ހަ މަސް ފަހުން ކަމަށް މިނިސްޓްރީން ބުނެ އެވެ.
ކުރީ ސަރުކާރުން ފެށި ހިލޭ ޑިގްރީގެ ދަށުން 6،000 އަށްވުރެ ގިނަ ދަރިވަރުން ވަނީ ޑިގްރީ ފުރިހަމަކޮށްފަ އެވެ.









