ރާއްޖޭގެ އެކި ރަށްރަށުން އެމްއާރްއައި ހެދޭގޮތަށް ހަމަޖެހިގެން ދިޔުމުން މާލޭގެ ހޮސްޕިޓަލްތަކަށް މީހުން ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް އަންނާނެ ކަމަށް ހެޕްތް މިނިސްޓަރު ޑރ.ޢަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު އުތުރުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރ. ދުވާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ޚަލީލް ވިދާޅުވީ ރާއްޖޭގެ އެކި އެކި ހިސާބުތަކުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތައް ގާއިމް ވާން ރައީސް ބޭނުންފުޅުވާ ކަމަށާއި ރާއްޖޭގެ އެކި ރަށްރަށުން އެމްއާރްއައި ހެދޭގޮތަށް ހަމަޖެހިގެން ދިޔުމުން މާލޭގެ ހޮސްޕިޓަލްތަކަށް މީހުން ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް އަންނާނެ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ރަށްރަށުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތައް ގާއިމް ކުރުމަކީރައީސް ޑރ. މުއިއްޒު ބޭނުންފުޅުވާ ކަމެއް ކަމަށާއި ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލްތައް ބިނާ ކުރެވި ވަރުގަދަ ވެގެންދާ ރާއްޖެއަކަށް ހަދަން ރައީސް ބޭނުންފުޅުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ހެޕްތް މިނިސްޓަރު ޑރ.ޢަބްދުﷲ ޚަލީލު ވިދާޅުވީ ރަމަޟާން މަހަށްފަހު ރ. އުނގޫފާރުގައި އެމްއާރުއައި ޚިދުމަތް ފެށޭނެ ކަމަށެވެ.
ޚަލީލް ވިދާޅުވީ ދުވާފަރު ހޮސްޕިޓަލަކީ އެހެން އަތޮޅުތަކުން ވެސް ޚިދުމަތް ހޯދަން އަންނަ ތަނެއް ކަމަށާއި އެހެންކަމުން އިތުރު ޑޮކްޓަރުން ބޭނުންވާ ކަމަށެވެ. އަދި އެ ހޮސްޕިޓަލަށް ޑޮކްޓަރުން އިތުރު ކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ޚަލީލް ވިދާޅުވީ ދުވާފަރު ހޮސްޕިޓަލުގައި ހުރި މައްސަލަތައް ހައްލުކޮށް އެރަށަކީ ޓާޝަރީ ފެންވަރުގެ ސިއްހީ ޚިދުމަތް ލިބޭ ރަށެއްގެ ގޮތުގައި ވެގެންދާނެ ކަމަށެވެ.









