މުސްލިމުންގެ އަޅުކަމަށް އަހަރަކު އެއްފަހަރު އަންނަ ބަރަކާތްތެރި ރަމަޟާން މަސް ވުޖޫދުން ފޮހެލުމަށް ހައްދުފަހަނައަޅާފައިވާ ޔަހޫދީ ވަޒީރު އަމިޗައި އިލިޔާހޫ ގޯވާލައްވައިފިއެވެ.
އިސްރާއީލުގެ ހެރިޓެޖް މިނިސްޓަރުކަމުގައި ހުންނެވި އަމިޗައި އިލިޔާހޫ މިފަދައިން ގޮވާލީ އިސްރާއީލުގެ އަސްކަރިއްޔާގެ ރޭޑިއޯ އަކަށް ދިން ބަސްދީގަތުމެއްގައެވެ.
މި ބަސްދީގަތުމުގައި އަމިޗައި އިލިޔާހޫ ވިދާޅުވީ ރަމަޟާން މަހަކީ ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސްގައި އެންމެ ބޮޑަށް ނުރައްކާވެ، ފިތުނަތައް ގިނަވާ މައްސަރުކަމަށެވެ. އެހެން ކަމުން މިކަމުގެ ހައްލެއްގެ ގޮތުގައި ރަމަޟާން ނަސް އުވާލަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
“ މުސްލިމުން އެ ބުނާ ރަމަޟާން މަސް ވުޖޫދުން ވެސް ފޮހެލަން ޖެހޭ. އެއީ ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސްގައި އެންމެ ބޮޑަށް ފިތުނަތަކާއި ބިރުވެރިކަން އުފެދިގެން އަންނަ މަސް. އެ މަސް ފޮހެލައިގެން ނޫނީ މިކަމަށް ހައްލެއް ނުލިބޭނެ.“ ވަޒީރު އަމިޗައި އިލިޔާހޫ ވިދާޅުވިއެވެ.
ކަނާތު ފިޔައިގެން ގައުމީ ސަލާމަތާ ބެހޭ މިނިސްޓަރު އިޓަމާ ބެން ގްވީރު އިސްކޮށް ހުންނަވައިގެން އުފައްދާފައިވާ އޮޓްޒްމާ ޔަހޫދީ ޕާޓީގެ ވަޒީރު އަމިޗައި އިލިޔާހޫ ވިދާޅުވީ ރަމަޟާން މަހާއި ދިމާކޮށް މުސްލިމުން އަޅުކަން ކުރަން އެއްވާ ތަންތަނަށް ނިއުކުލިއަ ބޮން އަޅަން ޖެހޭ ކަމަށާއި، ޣައްޒާއަށް ނިއުކުލިއަ ބޮން އަޅަން ޖެހޭކަމަށެވެ.
ދާދި ފަހުން އިސްރާއީލުގެ ސަލާމަތީ ކަންކަން ދިރާސާ ކުރާ ފަރާތްތަކުން އާންމުކުރި ރިޕޯޓެއްގައި ބުނެފައިވަނީ އަންނަ ރަމަޟާން މަހު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރާ ހަނގުރާމަ ވަރުގަދަ ވާނެކަމަށާއި ނަތަންޔާހޫގެ ސަރުކާރުން އަލްއަގްސާއަށް އަޅުކަމަށް ދާ މުސްލިމުންނާއި ދެކޮޅަށް އަޅަން ގަސްތުކުރާ ފިޔަވަޅުތަކުގެ ސަބަބުން ހިފާފައިވާ ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސްގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު އެބަ އޮތްކަމަށެވެ.









