މިހާރު މިއޮތް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މިސަރުކާރުގެ ފުރަތަމަ ތިން މަސްދުވަސް ނިމިގެންދިޔައިރުވެސް ރައްޔިތުން ބޭނުންވާ މިސްރާބަށް ކަންކަން ނުދާ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހު މިފަދައިން ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ޓިކެޓްގައި ނިލަންދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް، ޢަލީ ރިޒާގެ ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މި. ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ، މިސަރުކާރުގެ ފުރަތަމަ ތިން މަސްދުވަސް ނިމިގެންދިޔައިރުވެސް ރައްޔިތުން ބޭނުންވާ މިސްރާބަށް ކަންކަން ނުދާ ކަމަށާއި
ނިމިދިޔަ ސަރުކާރުން ކުރަން ފަށްޓާފައިހުރި ހުރިހާ މަސައްކަތްތަކެއް ވެސް ގާތްގަނޑަކަށް އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓާލައިފައިވާކަމަށެވެ.
ޞާލިހު ވިދާޅުވީ މަސައްކަތްތައް ހުއްޓާލުމުގެ ބަހަނާއެއްގެ ގޮތުގައި މި ސަރުކާރުން ބުނަމުން ދަނީ ކުންފުނިތަކުގައި ފައިސާ ނެތް ވާހަކަކަމަށެވެ.
އޭނާ ވިދާޅުވީ ފައިސާ ނެތް ކަމަށް މި ސަރުކާރުން ބުނަމުން ދިޔަ ނަމަވެސް ފެންނަމުންދަނީ ދުވަހުން ދުވަހަށް ސިޔާސީ މަގާމުތައް އިތުރުކުރަމުންދާ މަންޒަރު ކަމަށެވެ. އަދި ސަރުކާރުން އަމާޒު ހިފާފައި ވަނީ 1500 ސިޔާސީ މަގާމް އުފެއްދުމަށް ކަމަށްވެސް ޞާލިހު ވިދާޅުވިއެވެ.
މިހާރު މިއޮތް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޞާލިހު ވިދާޅުވީ ދައުލަތުގެ ބަޖެޓުގައި ފައިސާ ނެތީ ސިޔާސީ މަގާމްތަކަށް ކުރަމުންދާ ޚަރަދުތަކުގެ ސަބަބުންކަމަށެވެ.









