މި އަހަރު ހިލޭ ހައްޖުގެ އަޅުކަމަށް ފޮނުވަން ހަމަޖައްސާފައިވާ 50 މީހުން މިއަދު ކަނޑައަޅައިފި އެވެ.
މިއަހަރު ހިލޭ ޙައްޖަށް ގެންދާ މީހުން ކަނޑައެޅީ މިއަދު މިކަމަށް ޓަކައި އިސްލާމިކް މިނިސްޓްރީން ބޭއްވިި ޚާއްސަ ރަސްމިއްޔާތުގައި ގުރުއަތު ނަގައިގެންނެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ހިލޭ ހައްޖުގެ އަޅުކަމަށް ދާން އެދި 982 މީހަކު ވަނީ ހުށައަޅާފަ އެވެ. ހިލޭ ހައްޖަށް ގެންދާނީ ފަގީރުންނާ މިސްކީނުންގެ ދަފްތަރުގައި ހިމެނޭ 69 އަހަރު ނުވާ މީހުންނެވެ.
މިނިސްޓްރީން ބުނި ގޮތުގައި މިއަދު ގުރުނަގާފައި ވަނީ 667 މީހުންގެ މެދުގަ އެވެ. މި އަހަރު ހައްޖަށް ފޮނުވާނެ 50 މީހުން ކަނޑައެޅުމުގެ އިތުރުން އިތުރު 10 މީހެއްގެ ނަން ވަނީ ވެއިޓިން ލިސްޓް ގައި ހިމަނަން ނަގާފަ އެވެ. އެއީ ހައްޖަށް ގެންދަން ކަނޑައެޅި މީހުންގެ ތެރެއިން އެއްވެސް މީހަކަށް އެއްވެސް ސަބަބަކާ ހުރެ ހައްޖަށް ދެވޭ ގޮތް ނުވެއްޖެނަމަ ފުރުސަތު ދިނުމަށެވެ.
ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ތެރޭ 1000 ފަގީރުން، ހިލޭ ހައްޖަށް ފޮނުވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.









